ޚަބަރު
މަހެއް ތެރޭ ތެލަސީމިއާ ސެންޓަރު ނިންމަން ސިފައިންނާ ހަވާލުކޮށްފި
ތެލެސީމިއާ ސެންޓަރު
މަހެއް ތެރޭ ތެލަސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން، ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ތެލަސީމިއާ ސެންޓަރުގެ ހިދުމަތްތަކާ މެދު ތެލަސީމިއާ މީހުންނާއި އާއިލާތަކުން މުޒާހަރާކުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭގަ އެވެ. އެހެންވެ، އަނެއް ދުވަހު ރައީސް ވަނީ އެތަނަށް ވަޑައިގެން ތެލަސީމިއާ ސެންޓަރުގެ ހާލަތު ބައްލަވާލައްވައިފަ އެވެ.

"ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ގެނެސްދިން ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ ކެމްޕެއިން ތެރޭގައި ވެސް ތެެލެސިމިއާ ކުދިން އެމަނިކުފާނާ ބައްދަލު ކުރެއްވި ކަމަށާއި އެކަމަކު އެ މައްސަލަތަކަށް މިހާތަނަށް އެޓެންޑުނުވެ ހުރިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަށް އިޝޫސް އިނގޭ، އެކަންކަން އެޑްރެސްނުކޮށް މިހާ ހިސާބަށް އައިއިރު މި ސްޓޭޓަސްގައި އޮތް ކަމެއް ނޭނގޭ. އެއްގޮތަކަށް ވެސް ޒިންމާއިން ނެރެން ދެއްކި ވާހަކައެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަންކަން ހުންނަން ޖެހޭނީ ހައްލު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ތެލަސީމިއާ ސެންޓަރަށް ވަޞީލަތްތައް ހަމަކުރުމަށް ނިންމަވައި، އެކަމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން ޓެސްޓް ކުރުމަށް ބޭނުންވާ ވަޞީލަތްތައް ހަމަކުރުމާއި، އެކަމަށް ބޭނުންވާ ބަޖެޓުގެ ކަންކަން ހަމަޖެއްސުން ހިމެނޭކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ފިލްޓަރުގެ މައްސަލައާއި ދެންވެސް ބެލެނިވެރިން ފާހަގަކުރެއްވި މައްސަލަތައް އެ މަނިކުފާނު ވަރަށް ގާތުން ބައްލަވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރު ތެލަސީމިއާ ސެންޓަރު ހިންގާ އިމާރާތުގައި އެކި ކަންބޮޑުވުން ހުރިކަން ފާހަގަކުރައްވައި، އެ ސެންޓަރު ބަދަލުކުރުމަށް ކަނޑައަޅާފައިވާ "އޮރެންޖް ހިޔާ"އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު