ޚަބަރު
ދައުލަތުން ބުނީ ލަމްހާގެ ގެއިން ފެނުނު އިންޖިކްޝަނެއްގެ އަސަރު މޭރީގެ ލޭގައި ހުރިކަމަށް
ހަލީމަތު ލަމްހާ
އައިޖީއެމްއެޗްގައި މަސައްކަތްކުރަމުން ދިޔަ ފިލިޕިންސްއަށް ނިސްބަތްވާ ނަރުސް މޭރީ ގްރޭސް މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ ގެއިން ބާރުގަދަ އިންޖެކްޝަނެއްގެ އަސަރު، މޭރީގެ ލޭގައި ހުރި ކަމަށް ދައުލަތުން ބުނެފިއެވެ.

މޭރީގެ މަރުގެ މައްސަލާގައި އޭނާގެ ފިރިމީހާ މާވިން ވާގަސްއާ އެކު ހައްޔަރުކޮށްފައިވާ ލަމްހާ އަކީ މާވިންގެ ލޯބިވެރިޔާ ކަމަށް ދައުލަތުން ކުރި ދައުވާގައި ވަނީ ބުނެފަ އެވެ. މީހަކު މެރުމުގެ ދައުވާ މާވިންގެ މައްޗަށް ކޮށްފައި ވާއިރު ލަމްހާގެ މައްޗަށް ވަނީ މީހަކު މެރުމުގައި ބައިވެރިވުމާއި އިތުރު އެހެން ދެ ދައުވާއެއް ވެސް ކޮށްފަ އެވެ.

އޮންލައިންކޮށް ބޭއްވި ޝަރީއަތުގައި ދައުލަތުން ވަކީލް އަހްމަދު ނައުފަލް ވިދާޅުވީ މޭރީގެ ޓޮކްސޮލޮޖީ ރިޕޯޓް ނިމި، އޭގެ ނަތީޖާ އަނގަބަހުން ލިބިފައިވާ ކަމަށާއި އޭގައިވާ ގޮތުން މޭރީގެ ލޭގައި ސަކްސިނައިލްކޮލިންގެ އަސަރު އެބަހުރި ކަމަށެވެ. ރާއްޖޭން ބޭރުން ހެދި މި ޓެސްޓްތަކުގެ ރިޕޯޓް ވަރަށް އަވަހަށް ލިބޭނެ ކަމަށް ދައުލަތުން ބުންޏެވެ.

ސަކްސިނައިލްކޮލިން އަކީ ހޮސްޕިޓަލްތަކުގައި ކުރާ ބޮޑެތި ސާޖަރީ ފަދަ ކަންކަމުގައި ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. މިއީ މަރުގެ މައްސަލަ އަށް ފަހު ފުުލުހުން ލަމްހާގެ ގެ ފާސްކުރި އިރު އެ ގެއިން ފެނުނު އިންޖެކްޝަންތަކުގެ ތެރޭގައި ހިމެނޭ ބާވަތެކެވެ.

މޭރީގެ ލެއިން ފެނުނު އެ އިންޖިކްޝަނަކީ ބޮޑެތި ސާޖަރީ ފަދަ އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުންކުރާ އެއްޗެކެވެ. އެ ބާވަތުގެ އިންޖިކްޝަނުގެ އިތުރުން ވެސް ދެ ބާވަތެއްގެ ބާރުގަދަ އިންޖިކްޝަން ލަމްހާގެ ގެއިން ފެނުނު ކަމަށް ވަކީލް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ, ޕޮޓޭސިއަމް ކޮލަރައިޑް އަދި ޕްރޮފޮފޯލްއެވެ.

މޭރީގެ ހަށިގަނޑުން އިންޖިކްޝަން ޖަހާފައިހުރި މާކްތަކެއް ފެންނަން ހުރި ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

އެ މައްސަލާގައި އެންމެ ފަހުން ބޭއްވި އަޑު އެހުމުގައިވެސް ދައުލަތުން ވަނީ ލަމްހާ އާ ދެކޮޅަށް ގިނަ ހެކިތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެގޮތުން ދައުލަތުން ބުނީ ލަމްހާ އިންޓަނެޓް މެދުވެރިކޮށް އިންޖެކްޝަނެއް ބޭނުންކޮށްގެން މީހަކު މަރާލާނެ ގޮތް ހޯދި ކަމަށް ބުނެފައެވެ. އަދި ސިރިންޖަކުން މާއްދާއެއް ހަށިގަނޑަށް އިންޖެކްޓްކުރާނެ ގޮތާއި އޭގެ ބޭނުންކޮށްގެން ހޭނައްތާނެ ގޮތާއި، މަރުވާނީ ކިހިނެތް ހެދުމުންކަންވެސް އިންޓަނެޓު މެދުވެރިކޮށް ހޯދުމަށްފަހު މެސެޖުން ލަމްހާ އެ މައްސަލައިގައި ދެން ހިމެނޭ މާވިން އަށް ކިޔައިދިންކަމަށް ދައުލަތުން ބުނެއެވެ. ދައުލަތުން އެހެން ބުނީ ތަހުގީގުގައި ދެ މީހުންގެ ފޯނުން ލިބެން ހުރި މެސެޖުތަކުގެ އަލީގައެވެ.

އެ މައްސަލައިގެ ތަހުގީގަށްފަހު މާވިންއާއި ލަމްހާގެ މައްޗަށް މޭރީ މަރާލުމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އަދި އެ ދެ މީހުންގެ މައްޗަށް މިދިޔަ މަސް ތެރޭ ވަނީ ދައުވާ ވެސް ކޮށްފައެވެ. އެ މައްސަލައިގައި ދެ މީހުންގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވާއިރު މާވިންގެ މައްޗަށް ކުރަނީ އެނގިހުރެ މީހަކު މެރުމުގެ އެއް ދައުވާއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާކުރާއިރު އެ ދައުވާތަކަކީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

ލަމްހާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށާއި އެ ކަންކަމަށް ބަލާއިރު ލަމްހާ އަކީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކަމަށް ދައުލަތުން ބުނަމުން ދިޔައިރު ދިފާއުން ބުނަމުން ދިޔައީ ލަމްހާގެ މައްޗަށް އެފަދަ ހެކި ހުށަހަޅާފައި ނެތް ކަމަށެވެ. ވާހަކަ ދައްކަން ދެ ފަރާތަށް ފުރުސަތު ދެއްވުމަށް ފަހު ގާޒީ ފާއިޒް ނިންމެވީ ހުށަހަޅާފައިވާ ކަންކަމަށް ބަލައި ޝަރީއަތް ނިމެންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށެވެ.

މިދިޔަ ހަފްތާގައި ވަނީ މޭރީގެ ފިރިމީހާ މާވިން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.

މާޗް 15 ގައި އިތުރު އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރައްވައި ގާޒީ ވިދާޅުވީ ޝަރީއަތް ސިއްރުކުރަންޖެހޭ ކަމަށް ދިފާއުން ބުނާ ސަބަބުތައް ލިޔުމުން ހުށަހެޅުމުން އެ ކަންކަމަށް ގޮތެއް ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
100%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު