ޚަބަރު
ދިވެހިން އުޅެނީ އިންޑިއާ އިން ގެންނަ ފީ ބިސްކޮޅު ބޭނުންވެގެން ނޫން: ރައީސް ޔާމީން
ދިވެހިން އުޅެނީ "ވަކި ބަޔަކަށް ޖިޒީ" ދައްކައިގެން ނޫން ކަމަށާއި ދިވެހިން އުޅެނީ އިންޑިއާ އިން ގެންނަ "ފީ ބިސްކޮޅު" ބޭނުންވެގެން ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ނިކުމެވަޑައިގެން ހުންނެވީ އަމިއްލަ ބޭނުމަކު ނޫންކަމަށެވެ. އަދި ވިދާޅުވީ ދިވެހި ފަސްގަނޑުގެ މުގައްދަސް ކަމަށް ވުރެ މުހިންމު ކަމެއް ނޯންނާނެ ކަމަށާއި އެ ފަސްގަނޑަށްޓަކައި ސުލްހަ އާއި މަސްލަހަތު ނަގާލަން ޖެހިއްޖެ ނަމަ، ޕީޕީއެމުން އެކަން ވެސް ކުރާނެ ކަމަށެވެ.

"މިތަން މިހާރު މިއޮތީ އިންޑިޔާގެ ސްޓޭޓަކަށްވެފަ. އިންޑިޔާއިން ބަލަހައްޓަނީ. އިންޑިޔާއިން އެންގީ ރައީސުލް ޖުމްހޫރިއްޔާއަށް މުޒާހަރާ ކުރިޔަދީގެން ނުވާނެޔޭ. މީކީ އާދައިގެ ގޮތަކަށް ބުނެލި ވާހަކައެއް ނޫން . އިންޑިޔާ ސަފީރު އެދުހު ގިނަވަގުތު އުޅުއްވީ ރައީސް އޮފީހުގަ. މިއީ އަޅުގަނޑަށް އެނގިގެން ދައްކާ ވާހަކަ" ރައީސް ޔާމީން ވިދާޅުވިއެވެ. 

ރައީސް ޔާމީން ވަނީ މާލޭގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތް ހުއްޓުވަން ފުލުހުންނަށް އިރުޝާދު ދިނީ އިންޑިއާ މީހެއް ކަމަށް ބުނެ މީޑިއާގައި ދައުުރުވާ އިންޑިއާ މީހާ ފެންނަ ފޮޓޯތަކާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ. އެމަނިކުފާނު ވިދާޅުވީ މުޒާހަރާ ހިނގި ވަގުތު ޕީޕީއެމް އޮފީސް ސަރަހައްދުގައި އެ ނޫންވެސް އިންޑިއާ މީހުން ހަރަކާތްތެރިވި ކަމަށާ އެކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަަމަށެވެ.

އަދި މިއަދު ބަދިގޭގައި ކައްކާ މީހުންނާއި މެޑިކަލް އޮފިސަރުންނަށް އިންޑިއާ މީހުން ތިބޭ ހިސާބަށް ގައުމުގެ ހާލަތު ނުރައްކާ ކޮށްފައިވާ ކަމަށެވެ. ސަރުކާރުން އިންޑިއާގެ އަޅުވެތި ކަމަށް ރާއްޖެ ގެންގޮސް އެކަން ރައްޔިތުންނަށް ފޮރުވަން ފުލުހުން މެދުވެރިކޮށް ދައްކާ ވާހަކަތައް ގަބޫލުކުރާނެ ރައްޔިތަކު ނުހުންނާނެ ކަމަށްވެސް ވިދާޅުވިއެވެ. 

ރައީސް ޔާމީން އިސްވެ ހުންނަވައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި "އިންޑިއާ އައުޓް" ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ވަރުގަދަ ހަރަކާތްތަކެއް އެކިކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. މި ހަރާކާތްތައް ހުއްޓުވުމަށް ސަރުކާރުން އަންނަނީ ބާރުގެ ބޭނުން ކުރަމުން ނެވެ.

ޕީޕީއެމްއިން ސުލްޙަވެރި އިޙްތިޖާޖަކަށް ނިކުތުމަށް ތައްޔާރު ވި އިރަށް މުޅި ފުލުހުންގެ އިދާރާ އެލާޓަށް ގެނެސް މަގުތަށް ބަންދުކޮށްގެން އެ އިޙްތިޖާޖު ކުރިޔަ ނުދިނުމަށް މަސައްކަތް ކުރުމަކީ ފިނޑި އަމަލެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ މުޒާހަރާ ނުކުރެވިގެން ނުނިދިގެން އުޅުނު ބައެއް. އެއީ އެންމެ އަސާސީ ހައްޤުކަމަށް ދެކި އެމީހުން އައީ ވަކާލާތު ކުރަމުން. ދައުލަތް ހިންގަން ތިބި މީހުންނަށް ރައްޔިތުންގެ އަޑު އިވޭނީ މަގުމަތީގައި މުޒާހަރާ ކުރީމަކަމަށް ދެކެމުން އައި ބައެއްމިއީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

މިޖަލްސާގައި ރައީސް ޔާމީން ވަނީ ފުލުހުންނާއި ސިފައިން ގާނޫނާ ހިލާފް ކަންކަން ކުރައްވާ ކަމަށް ތުހުމަތު ކުރައްވައި، ޖަރީމާ ހިންގާ ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ އެކަންކަން ތަކުރާރު ނުކުރެއްވުމަށާއި، އެކަންކަން ތަކުރާރު ކުރައްވާނަމަ ކުރިންވެސް ފުލުހުން ކުރިމަތިލާން ޖެހުނުފަދަ ހިތި ހާލަތެއް ހިނގާފާނެ ކަމަށެވެ. 

"ގާނޫނާ ހިލާފްކަންތައް ކުރައްވަން ނޫޅުއްވާ. ސިފައިނާ ފުލުހުންަށް ހައްގެއްނެތް ގާނޫނާ ހިލާފްކަންތައް ކުރައްވާކަށް. ގާނޫނާ ހިލާފްކަންތައް ކުރައްވާނަމަ މީގެ ކުރިންވެސް ހިތިހާދިސާތަކެއް ހިތި ދުވަސްތަކެއް ތިބޭފުޅުން ތަހައްމަލު ކުރައްވަން ޖެހުނު. އެ ހަމަ އިއާދަ ވެގެންދާނެ. ތާރީހަކީ އިއާދަވާ އެއްޗެއް. ހާލަތު ބަދަލުވެގެން ދިޔައިމަ ހަމައެހިނގި ހާލަތު އަޅުގަނޑުމެންނާ ހަމައަށް ބައްދަލު ކުރީމަ އޭރު ހިނގި ހާދިސާއެއް ހިނގާނެ. އެކަމަށް ވިސްނާ ވަޑައިގަންނަވާ" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ގައުމުގެ ހައްގުގައި ރައްޔިތުން ކުރަނީ ސަލާމަތީ ބާރުތަކަށް ލިބޭ އިންޓެލިޖެންސް މައުލޫމާތަކުން ހުއްޓުވާލެވޭ ވަރަށް ވުރެ ވަރުގަދަ މަސައްކަތްތަކެއް ކަމަށެވެ. އިންޓެލިޖެންސް މައުލޫމާތަކަށް ބުރަވެ އެތައް ބަޔަކަށް އަނިޔާކޮށް ހައްޔަރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތު ކޯޓުގައި އެކަށީގެންވާ ގޮތަކަށް ފުލުހުންނަށް ހާމަކޮށްދެވިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.

"މަގުތަކަށް މީހުން ނިކުމެ އުޅޭތީ އުދަގޫވެގެން މިއުޅެނީ މޯދީގެ ކޯލިޝަނަށް. އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތު ކޯޓުގައި ހާމަ ނުކުރާތީ ކަންބޮޑުވޭ. މި އިންޓަލިޖެންސް އުފައްދަނީ ވެސް އިންޓެލިޖެންސް ހޯދަނީވެސް އިންޑިއާއިން،" އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ފާޑު ވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު މިރޭ ވެސް ޔަގީންކޮށްދެއްވީ އިންޑިއާ އައުޓް ހަރަކާތަކީ ރާއްޖޭގައި ތިބި އިންޑިއާގެ ހިދުމަތްތެރިންނަށް އަމާޒުކޮށްފައިވާ ހަރަކާތެއް ނޫން ކަމެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ ރައްޔިތުންގެ ހިދުމަތް ބަލައިގަނެ އެ ބޭފުޅުންނަށް އިހްތިރާމް ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އިންޑިއާ އައުޓް ހަރަކާތް ނުހުއްޓުވޭނެ ކަމަށް މިރޭ ވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އިންޑިއާ އައުޓް ހަރަކާތަކީ މިފަސްގަނޑުގެ މިނިވަންކަމަށްޓަކައި ހިންގާ ހަރަކާތެއް ކަމުގައިވެސް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު