ޚަބަރު
ފުލުހުންގެ ހިދުމަތްތައް ފަސޭހައިން ހޯދޭނެ މޯބައިލް އެޕްލިކޭޝަނެއް ލޯންޗުކޮށްފި
ދިވެހި ފުލުހުންގެ މޯބައިލް އެޕްލިކޭޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިފްތިތާހުކޮށްދެއްވައިފި އެވެ.

ފުލުހުންގެ މި މޯބައިލް އެޕްލިކޭޝަން ތައާރަފްކޮށްދެއްވީ ފުލުހުންގެ ހިދުމަތަށް 89 އަހަރު ފުރުން ފާހަގަކުރުމަށް މިހާރު ކުރިއަށްދާ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ އެޕްލިކޭޝަނަކީ ފުލުހުންގެ ހިދުމަތްތައް މޯބައިލް މެދުވެރިކޮށް ހޯދުމަށްޓަކައި ފަރުމާކޮށްފައިވާ އެޕްލިކޭޝަނެކެވެ. އެގޮތުން މި އެޕްލިކޭޝަން ރަޖިސްޓްރީ ވުމަށްފަހު ޑްރައިވިންގް ލައިސެންްސްގެ މައުލޫމާތާއި އުޅަނދުތަކުގެ އަހަރީފީ ސްޓޭޓަސްގެ އިތުރުންވެސް ގިނަ މައުލޫމާތުތައް ބަލާލެވޭނެ އެވެ.

އެ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހެޅުމުގެ އިތުރުން، ހުށަހަޅާ މައްސަލަތަކުގެ އަދާހަމަ ބެލުމާއި ފުލުހުން ފޯރުކޮށްދޭ ހިދުމަތްތަކާއި ވަކިވަކި ފުލުހުންނާ ގުޅޭ ޝަކުވާ ނުވަތަ ތައުރީފް ހުށަހެޅޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެޕްލިކޭޝަން މެދުވެރިކޮށް ކުށުގެ ރިޕޯޓަށާއި ޕޮލިސް ކްލިއަރެންސް ސެޓްފިކެޓަށް އެޕްލައިކުރުމުގެ އިތުރުން ކްލިއަރެންސް ސެޓްފިކެޓް، އެޕްލިކޭޝަން މެދުވެރިކޮށް ލިބޭނެ އެވެ. އަދި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ އެޕްލިކޭޝަން ފަރުމާކޮށްފައިވަނީ އެޕްލިކޭޝަން މެދުވެރިކޮށް ފުލުހުންނާ ކުރާ މުއާމަތުގެ ރެކޯޑް ބެލެހެއްޓޭ ގޮތަށް ކަމަށާއި ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި، ނެއިބަހުޑް ޕޮލިސް އޮފިސަރުންގެ މައުލޫމާތާއި ޕޮލިސް ސްޓޭޝަންތަކުގެ މައުލޫމާތު ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަ ކަމާއެކު ބަލައިލެވޭނެ ގޮތަށް ކަމަށެވެ.

ފުލުހުންގެ 89 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެއްދުވަހުން އަނެއްދުވަހަށް ދުނިޔެ ބަދަލުވަމުން ދަނީ ޓެކްނޮލޮޖީގެ އާ މަރުޙަލާ އަކަށްކަމަށާއި، ޓެކްނޮލޮޖީގެ ފަސޭހަތައް ފުލުހުންނަށް ފަހިވުމަކީ ކޮންމެހެން ލާޒިމްކަމެއްކަމަށެވެ.

"ޚިދުމަތް ދިނުމާ، ޚިދުމަތް ލިބިގަތުމުގައި އަދުގެ ޒަމާން ބަރޯސާވާން ޖެހިފައިވަނީ ޓެކްނޮލޮޖީ އަށް. މިރޭ މިތަޢާރަފް ކުރެވުނު ޕޮލިސް އެޕްލިކޭޝަނަކީ މިމަގުން ކުރިއަށް އެޅި ފިޔަވަޅެއް."ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު