އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރައިލި ކަމަށް އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސް މިއަދު ކްރިމިނަލް ކޯޓުން އިންކާރުކޮށްފި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ މޭރީއަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އޭނާ ދިރިއުޅުނު ގޭގެ ތެރޭގައި ހަމަލާދީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންއަށް ދައުވާ ކުރާއިރު، މާވިންއާ ލޯބީގެ ގޮތުން އުޅުނު ކަމަށް ތުހުމަތު ކުރެވޭ ހަލީމަތު ލަމްހާގެ މައްޗަށް އެކަމުގައި ބައިވެރިވުމުގައި ދައުވާ ކުރެ އެވެ.ދައުލަތުން މާވިންގެ މައްޗަށް ކުރާ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ މިއަދުގެ ޝަރީއަތުގައި އިއްވަމުން ބުނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު، މޭރީގެ ކަރަށާއި ބޮލަށް ހަމަލާދީ، ނޭވާ ހާސްކޮށްލުމަށް ފަހު މަރާލާފައިވާ ކަމަށެވެ.ދައުވާ އިއްވުމުން ދިފާއީ ވަކީލު އިސްމާއީލް މުހައްމަދު ވަނީ ދައުވާ އިތުރަށް ތަފްސީލް ކޮށްދޭން އެދިފަ އެވެ. މި ގޮތުން ކަރަށާއި ބޮލަށް ހަމަލާ ދިން ކަމަށް ބުނާއިރު ހަމަލާ ދިނީ ކޮން ގޮތަކުން، ކިހިނެއް، އަދި ކޮން އެއްޗެއް ބޭނުން ކޮށްގެން ކަން އެނގެން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.ދައުލަތް ތަމްސީލް ކުރައްވާ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ނައުފަލް ވިދާޅުވީ މެޔަށާއި ކަރަށް ހަމަލާ ދިން ކަމަށް ދައުވާގައި ބަޔާން ކުރީ މޭރީ މަރުވި ސަބަބެއްގެ ގޮތުގައި އޮޓޮޕްސީ ރިޕޯޓްގައި އެ ގޮތަށް ބަޔާން ކޮށްފައި އޮތުމާއި، "ހަމަލާދީގެން މީހަކު މަރާލާނެ ގޮތް" މާވިންގެ ފޯނުން ގޫގަލް ކޮށްފައިވާތީ އެވެ.ދައުލަތުން ދެއްވި ޖަވާބަށް ފާޑުވިދާޅުވެ ދިފާއީ ވަކީލް ވިދާޅުވީ ފޯނުން ހަމައެކަނި އެއް ފަހަރު ގޫގަލްގައި ވަކި އެއްޗެއް ލިޔެފައި އޮވެގެން މަރާލި ކަމާއި ހަމަލާ ދިން ކަމުގެ ތުހުމަތު ނުކުރެވޭނެ ކަމުގަ އެވެ. ރިޕޯޓް ތައްޔާރުކުރިއިރު އޭގައި މާވިން ހަމަލާ ދިން ކަމާއި ދިން ގޮތެއްގެ ތަފްސީލް ނެތް ކަމުގަ އެވެ.މޭރީ މަރާލިކަމުގެ ދައުވާއަށް މާވިން އިންކާރު ކުރާ ކަމަށް ވިދާޅުވެ، ވަކީލް އިސްމާއިލް ވިދާޅުވީ ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް ވެސް މާވިން އިންކާރުކުރާ ކަމަށެވެ. އަދި އޭނާ މޭރީ މަރާލާފައި ނުވާނެ ކަމަށާއި އަދި އެއްވެސް އިރަކު މާވިންގެ ފަރާތުން މޭރީއަށް އަނިޔާއެއް ނުކުރާ ކަމަށް ވަކީލް ވިދާޅުވި އެވެ."އޯލް އިންކްލޫސިވްކޮށް، ދައުވާގައި ހިމެނޭ ހުރިހާ ކަމަކަށް މާވިންގެ ފަރާތުން އިންކާރު ކުރަން،" އޭނާ ވިދާޅުވި އެވެ.މިއަދުގެ އަޑުއެހުމަށް މާވިން ކޯޓަށް ހާޒިރުކޮށްފައި އިން އިރު އޭނާގެ މޫނުމަތިން އެއްވެސް ހާސްކަމެއް ނުފެނެ އެވެ. ޝަރީއަތުގައި އިނދެ، ވަކީލާ އެކު ދޭތެރެ ދޭތެރެއިން އޭނާ ވާހަކަ ދައްކަ އެވެ. އަދި އަޑުއެހުމުގައި ދެކެވުނު ވާހަކަތައް ތަރުޖަމާނު ތަރުޖަމާކޮށްދިނީ ރަނގަޅަށް ކަމަށް ބުނެ، އެކަމަށް ކޯޓުގައި ޝުކުރު އަދާކުރި އެވެ.މީގެކުރިން ގެނައި ތަރުޖަމާނު ވާހަކަތައް ތަރުޖަމާ ކުރުމުގައި މައްސަލަ ދިމާވާތީ މިއަދު ގެނައީ އާ ތަރުޖަމާނެކެވެ.އެ މައްސަލާގެ ދައުލަތުން ހުށަހެޅި ބައެއް ހެކިތައް ނުލިބޭތީ އެކަމުގެ ޝަކުވާ ވަކީލް އިސްމާއިލް މިއަދު ކުރެއްވި އެވެ. އަދި ބޭނުން އިރަކު ދައުލަތުން ހެކި ހުށަހަޅަން ކޯޓުން ފުރުސަތު ދީފައި އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.ދައުލަތުން ބުނީ މިވަގުތު ނުލިބި އޮތީ މާވިން އާއި މޭރީގެ ދަރިފުޅުގެ އެސެސްމަންޓް ރިޕޯޓް ކަމަށެވެ. ލަމްހާގެ މައްސަލާގައި ވެސް، އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް އެ ރިޕޯޓް ހުށަހެޅުމުގެ ފުރުސަތު ދީފައި އޮތުމުން މާވިންގެ މައްސަލާގައި ވެސް އެ ފުރުސަތު ދޭން ދައުލަތުން އެދުނެވެ.އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ވެސް ނިންމެވީ އިބްތިދާއީ މަރުހަލާ ނިމުމާ ހަމައަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ.އަޑުއެހުން ދިގުލައިގެން ދިއުމުން ހެކި ހާމަކުރުމަށް އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހަށެވެ. އެދުވަހު ދިފާއީ ހެކި ހުށަހެޅުމަށް ވެސް ގާޒީ ހުސެއިން ފާއިޒް ރަޝާދު ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަލީމަތުގެ ލަމްހާގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. ގާޒީ ވިދާޅުވެފައި ވަނީ އިބްތިދާއީ މަރުހަލާ ނިމުމުން ދެ މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ލަމްހާ ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ. މޭރީ ގްރޭސް އަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިންއާއި ލަމްހާއަކީ ކެޝުއަލްޓީގައި މަސައްކަތް ކުރާ ނަރުހުންނެވެ. މޭރީގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދި އިރު މޭރީ މަރުވެފައި ވަނީ ބޮލަށް ދީފައިވާ ބޮޑު އަނިޔާއަކުން ކަން ރިޕޯޓުން ވަނީ ދައްކައިފައެވެ.މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މޭރީ މަރުވެގެން ފުލުހަށް ރިޕޯޓް ކުރީ ވެސް މާވިން އެވެ. މާވިން ރިޕޯޓް ކުރީ މޭރީ ދަންޖެހިގެން މަރުވެފައި ހުއްޓައި ފެނިގެން ކަމުގަ އެވެ. ނަމަވެސް ޝައްކު ކުރެވޭ ބައެއް ކަންކަން ހުރުމާއެކު މައްސަލައިގެ ތަހުގީގު އެ ހިސާބުން ފެށި އެވެ.ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓް ކުރިޔަސް ތުހުމަތު ކުރެވޭ ކަންކަން ހުރުމުން ފުލުހުން ތަހުގީގު ހިންގުމަށް ފަހު މާވިން ހައްޔަރު ކުރީ އޮކްޓޯބަރު 27 ގަ އެވެ. އޭގެ ފަހުން ލަމްހާ ހައްޔަރު ކުރީ އޭގެ 50 ދުވަސް ފަހުން ޑިސެމްބަރު 16 ގަ އެވެ.