ޚަބަރު
ހުރިހާ މައުލޫމާތެއް ހާމަކުރެވުމަކީ ދެފުށް ފެންނަ ގޮތަށް އެޅި މުހިއްމު ފިޔަވަޅެއް: ރައީސް
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އާރުޓީއައިއަކާ ނުލައި ވެސް ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައީސް އޮފީހުން ކޮންމެހެން ހާމަކޮށްފައި ހުންނަންޖެހޭ މައުލޫމާތު މި ސަރުކާރުން އާންމުކުރުމަކީ އާންމުންނަށް މައުލޫމާތު ލިބޭނެ ގޮތް ހަރުދަނާކުރުމާ އެކު، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު އިއްޔެ ވިދާޅުވި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އިދާރާތަކުން އަމިއްލަ އަށް އިސްނަގައިގެން އާންމުކުރަންޖެހޭ މައުލޫމާތު ނުވަތަ ޕްރޯއެކްޓިވް ޑިސްކްލޯޒާގެ އެވްރެޖު 100 ޕަސެންޓު ރައީސް އޮފީހާއި މި ސަރުކާރުގެ 16 މިނިސްޓްރީއަކުން ވަނީ ހާސިލުކޮށްފަ އެވެ. 


އެ ކަމާ ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މީގެ ކުރިން އާންމުންނަށް ލިބެން ނެތް އެތައް މައުލޫމާތެއް މިހާރު ލިބެން ހުންނާނެ ކަމަށެވެ.

"ދެފުށް ފެންނަ ގޮތަށް ކަންކަން ކުރުމަކީ ހަމައެކަނި ސިޔާސީ މަގްސަދެއް ނޫން. މި ސަރުކާރުން ގަބޫލުކުރަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ އާންމުންގެ އިތުބާރު ދެމެހެއްޓުމަށާއި، ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި އަސާސެއް ކަމަށް،" ރައީސް ވިދާޅުވިއެވެ.

މި ތާރީހީ ލަނޑުދަނޑި ހާސިލުކުރުމަށް މަސައްކަތްކުރެއްވި ހުރިހާ މުއައްސަސާތަކަށާއި ސަރުކާރުގެ އޮފިޝަލުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، ސަރުކާރުގެ ނިންމުންތަކާއި މަސައްކަތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަޢުލޫމާތު ފޯރުކޮށްދިނުން އިތުރަށް ހަރުދަނާ ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

އާރުޓީއައި ގާނޫނުގައިވާ ގޮތުން އިދާރާތަކުގެ ހިންގުމުގެ އޮނިގަނޑާއި ދޭ ހިދުމަތްތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައުލޫމާތު ހިމެނޭ ގޮތަށް ޖުމްލަ 13 ބާވަތެއްގެ މައުލޫމާތު މަދުވެގެން އަހަރަކު އެއްފަހަރު، އާންމުންނަށް ފަސޭހައިން ލިބޭނެ ގޮތަށް ކޮންމެ އިދާރާއެއްގެ ވެސް އަމިއްލަ އިސްނެގުމުގެ މަތިން އާންމުކުރަން ވާނެ އެވެ. 

ސަރުކާރުން އެންމެ ފަހުން ބުނެފައިވާ ގޮތުގައި، މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މި އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 288 އާރުޓީއައި ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން 233 އާރުޓީއައިއަކަށް އެހާތަނަށް ވަނީ ޖަވާބު ދީފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު