މާވިންއާ ދެކޮޅަށް 110 ހެކި، ދިފާއީ ހެކި ހުށަހަޅަން ފަހު ފުރުސަތެއް ދީފި
އިސްމާއިލް ރިޒާ
27 ޖޫން 2022 - 14:48
0 comments
މޭރީ ގްރޭސް މަރާލި ކަމުގެ ދައުވާ އުފުލާފައިވާ، އޭނާގެ ފިރިމީހާ މާވިން
އައިޖީއެމްއެޗްގައި ވަޒީފާ އަދަކުރަމުން ދިޔަ ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލުމުގެ ދައުވާ އުފުލާފައިވާ އޭނާގެ ފިރިމީހާ މާވިން އެސްވައި ވާގަސްއާ ދެކޮޅަށް ދައުލަތުން 110 ހެކި މިއަދު ހުށަހަޅައިފި އެވެ. އަދި މާވިންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅަން އަދި އިތުރު ފުރުސަތެއް ދޭން ޝަރީއަތުން ނިންމި އެވެ.
އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ އަށް މިދިޔަ އަހަރުގެ ފަހުކޮޅު ހަމަލާދީ މަރައިލި ކަމަށް ބުނެ މާވިންގެ މައްޗަށް ދައުވާ ކުރާއިރު، އެ ކަމުގައި ބައިވެރިވި ކަމަށް ބުނެ، އޭނާއާ އެކު އެ ތަނުގައި މަސައްކަތްކުރި ނަރުހެއް ކަމަށްވާ ހަލީމަތު ލަމްހާގެ މައްޗަށް އެހެން ދައުވާތަކެއް ކުރެ އެވެ.ލަމްހާ އާއި މާވިންގެ ބައި ޝަރީއަތުގައި ކުރިއަށް ގެންދަނީ ވަކިން ކަމަށް ވާއިރު، ލަމްހާގެ މައްސަލާގައި މިއަދު ބާއްވަން ހަމަޖެއްސި އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.ކުރީގެ އަޑުއެހުމުގައި މާވިން ދައުވާ އަށް އިންކާރު ކޮށްފައިވާތީ ދައުލަތުން މިއަދު ވަނީ އޭނާއާ ދެކޮޅަށް ހުރި ހެކިތައް ހާމަކޮށްފަ އެވެ. އެއީ 110 ހެއްކެކެވެ. އޭގެ ތެރޭގައި 74 ހެކިވެރިން ހިމެނެ އެވެ.ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒް ރަޝާދު ނިންމެވި އެވެ.މިއަދުގެ އަޑުއެހުމަށް ދިފާއީ ހެކި ހާމަކުރަން އޮތް ނަމަވެސް ހެކި ހާމައެއް ނުކުރެ އެވެ. ދިފާއީ ވަކީލް އިސްމާއީލް މުހައްމަދު އެދިވަޑައިގަތީ އިތުރު ފުރުސަތެއް ދެއްވުމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މާވިންއަކީ އެހެން ގައުމެއްގެ މީހަކަށް ވާތީ މުއާމަލާތް ކުރުމުގައި ވެސް ދަތިކަމެއް ހުރި ކަމަށެވެ."އަޅުގަނޑުގެ މުވައްކިލަކީ ރާއްޖެއިން ބޭރުގެ ފަރާތަކަށް ވެފައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހުރީ އެ ފަރާތުގެ މަންމަކަމަށް ވެފައި މި މައްސަލައިގައި އައިޖީއެމްއެޗްގެ ނަރުހުންގެ ހެކިބަސް ވެސް އެ ބޭފުޅުން ބޭނުން ވެގެން މުއާމަލާތްތަކެއް ކުރެވެމުން ދިޔަ," ދިފާއީ ވަކީލް ވިދާޅުވިއެވެ.ދިފާއީ ހެކި ހުށަހަޅަން އުތުރު ފުރުސަތެއް ދޭން ދައުލަތުން ދެކޮޅު ހެދި އެވެ. ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ދައުލަތުގެ ހެކިތަކާއި ދިފާއީ ހެކިތައް އެއް މަޖިލީހެއްގައި އިއްވުމަށް ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނާތީ ދެން އިތުރު ފުރުސަތެއް ދެވިގެން ނުވާނެ އެވެ.ނަމަވެސް ގާޒީ ފާއިޒް ވަނީ އިތުރު ހަތް ދުވަހުގެ ފުރުސަތެއް ދިފާއަށް ދެއްވައިފަ އެވެ. އޭގެ އިތުރަށް މިއަދަށް ދިފާއީ ހެކި ހާމަނުކުރެވުނު ސަބަބު ތަފްސީލްކޮށް ބަޔާންކޮށް ލިޔުމުން ކޯޓަށް ހުށަހަޅުއްވަން ވެސް ގާޒީ އެންގެވި އެވެ. އަދި އެއީ ދެވޭނެ އެންމެ ފަހު ފުރުސަތު ކަމުގައި ވިދާޅުވި އެވެ.މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.
މި މައްސަލައިގައި ދެން ހިމެނޭ ހަލީމަތު ލަމްހާގެ ބައި ކުރިއަށް ގެންދަނީ ވަކިންނެވެ. ގާޒީ ވިދާޅުވެފައި ވަނީ އިބްތިދާއީ މަރުހަލާ ނިމުމުން ދެ މީހުންގެ ބައި އެއްކޮށް ކުރިއަށް ގެންދާނެ ކަމަށެވެ. ލަމްހާ ވެސް ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.
މާވިން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމާފައިވާ ނިންމުން ދަމަހައްޓަން ދައުލަތުން އެދުނެވެ. މާވިންގެ ވަކީލު ވެސް އެދިވަޑައިގަތީ އެ ގޮތަށެވެ. ގާޒީ ވެސް ނިންމެވީ މާވިންގެ ބަންދު ދެމެހެއްޓުމަށެވެ.
ކިޔުންތެރިންގެ ޝުއޫރު