ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރޭ: އީވާ
ފާތުމަތު މަލްހާ
04 މެއި 2022 - 12:12
0 comments
ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އަމިއްލަ އެޖެންޑާތައް ފެތުރުމަށް ދައުލަތުން މީޑިއާތަކަށް މިލިއަނުން ހަރަދު ކުރަމުންދާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ ފާޑު ވިދާޅުވެއްޖެ އެވެ.
އީވާ ވިދާޅުވީ ސަރުކާރުން ނޫސްތަކަށް ސްޕޮންސާ ދީގެން މީޑިއާތައް ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށެވެ.އީވާ އިތުރަށް ވިދާޅުވީ ސަރުކާރުގެ ޒިންމާއަކަށް ވާންޖެހޭނީ މީޑިއާތައް ގަނެގެން ސަރުކާރުން ބޭނުންވާހާ ކަމެއް ކުރުމުގެ ބަދަލުގައި މިނިވަން މީޑިއާ އަކަށް ފުރުސަތު ދިނުން ކަމަށެވެ.
"ސަރުކާރުގެ ތެރެއިން ފެނިގެންދަނީ ވަކި ހާއްސަ އެޖެންޑާތަކެއް ފެތުރުމުގެ ގޮތުން މިނިސްޓްރީތަކާއި، ކުންފުނިތަކާއި އަދި ރައީސް އޮފީހުން މިލިއަނުން ފައިސާ ހަރަދު ކުރަމުންދާ މަންޒަރު. އެކަމަކީ މީޑިއާތަކަށް ނުފޫޒު ފޯރުވުމަށް ކުރަމުންދާ ކަމެއް." އީވާ ވިދާޅުވި އެވެ.އީވާގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައި މިވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން އެކުލަވައިލި ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެ އަށް ވަނީ 15 ދަރަޖަ ފަހަތަށް ވެއްޓިފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ޝުއޫރު