ތެލާއި، ކެނަބިހާއި، ހެރޮއިން ހިމެނޭހެން 2 ކިލޯގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފި
މަރިޔަމް އަނާ
15 މެއި 2025 - 22:22
0 comments
ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަ މީހުން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަ މީހުން ހައްޔަރުކޮށް، ދެ ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މަސްތުވާތަކެތީގެ އިތުރުން ފައިސާ އާއި އިލެކްޓްރޯނިކް ވަސީލަތްތަކާއި ކެނަބިސް އެކުލެވޭ އުފެއްދުންތައް ވެސް މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތެވެ.މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ:- ގއ. ދާންދޫ / ބޯގަންވިލާ، ޙަސަން ޢަލީ (26އ)
- ޅ. ކުރެންދޫ / މެދުރިގެ، މުޙައްމަދު އަލީޝް އަޙްމަދު (28އ)
- ހދ. ނޮޅިވަރަންފަރު ސާރާޒް، ވަލީދު މުޙައްމަދު (26އ)
- ސ. ފޭދޫ / ފެނިގެއްލިދާގެ، ޖައިލަމް މުޙައްމަދު ޒަކީ (28އ)
- ފ. ދަރަނބޫދޫ / ނާރެސް، ޝަޔާން އިސްމާޢީލް ވަޙީދު (18އ)
- އއ. ތޮއްޑޫ / ތުނޑި، އިބްރާހީމް މައިޝަމް މާހިރު (21އ)
ފުލުހުން ބުނީ މި އަންގާރަ ދުވަހާއި އިއްޔެ، ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި މާލެއާއި ހުޅުމާލެ ހިމެނޭގޮތަށް ހަތް ތަނެއް ބަލައި ފާސްކޮށްފައިވެއެވެ.އެގޮތުން، ހެރޮއިންއާއި މެތަމްފެޓަމިން އަދި ކެނަބިސް ހިމެނޭ ގޮތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެ އެވެ.މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1943.76 ގްރާމެވެ.މީގެ އިތުރުން، ނިކޮޓިން-ސްޓައިލް ވޭޕް ކާޓްރިޖްތަކާއި، "މޫންޝައިން" ކެނަބިސް ބުއިންތަކާއި ފްލޭވާކުރެވިފައިވާ ތެޔޮ ވެސް އަތުލައިގެންފައިވެ އެވެ.އަދި 90،000 އަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި 3،605 އެމެރިކާ ޑޮލަރުގެ އިތުރުން ހަ މޯބައިލް ފޯނާއި ދެ ލެޕްޓޮޕް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޖައިލަމްގެ ބަންދު ފަސް ދުވަހަށް، މައިޝަމްއާއި ޝަޔާން 10 ދުވަހަށް އަދި ޙަސަން ޢަލީއާއި މުޙައްމަދު އަލީޝް އަޙްމަދާއި ވަލީދު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެ އެވެ.ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ޝުއޫރު