
ސިވިލް ކޯޓުގައި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދަން ތާވަލްކުރީ ހެނދުނު 10:00 ޖަހާއިރަށެވެ. އެހެންނަމަވެސް ޝަރީއަތަށް ހާޒިރުވުމަށް ޗިޓް މިނިސްޓަރަށް ރައްދުވެފައިނުވާ ކަމަށް ބުނެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. މިއަދުގެ އަޑުއެހުން ކެންސަލްކުރީއިރު ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ވެސް ޝަރީއަތުން ހާމަކޮށްފައެއް ނުވެއެވެ.އެޑިއުކޭޝަން މިނިސްޓަރާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަ ހުށަހެޅީ، މަންދު ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) އެވެ. އެ ދައުވާގައި ބުނެފައިވަނީ، މަންދު ކޮލެޖަށް ލިބުނު ގެއްލުމުގެ ބަދަލުގައި ސަރުކާރުން ދިން 15 މިލިއަން ރުފިޔާ އެޑިއުކޭޝަން މިނިސްޓްރީން ދިނީ ކޯޓުން ހުކުމް ކުރި ތާރީހަށް ވުރެ ފަހުން ކަމަށާއި، އެހެން ކަމުން މިނިސްޓަރު ގާނޫނުއަސާސީއާއި ހިލާފުވެފައި ވާކަމަށް ކަނޑައަޅިދޭން ޖެހޭ ކަމަށެވެ. މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ޑިސްޕިއުޓް މަރުހަލާގައި ދައުލަތުގެ ހުށަހެޅުން ބަލައިގެންފަ އެވެ.