ޚަބަރު
ވިލިމާލެ ދާއިރާގެ މައްސަލަ ޖެހުނު ދެ ވޯޓު އަލުން ގުނައިގެން ވެސް ނަތީޖާއަކަށް ބަދަލެއް ނާދޭ
‏މާލޭގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ ބައި-އިލެކްޝަންގައި މައްސަލަ ޖެހުނު ދެ ވޯޓު ގުނައިގެން ވެސް ނަތީޖާއަށް ބަދަލު ނާންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

މި އިންތިހާބުގައި ވާދަކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓަކާއި އެމްއެންޕީގެ ކެންޑިޑޭޓެކެވެ. ޕީޕީއެމްގެ ފަރާތުން ފާތިމަތު ނާޒިމާ އެވެ. އެމްއެންޕީގެ އިން އާމިނަތު ޝީޒާ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނާޒިމާ، އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. ނާޒިމަށް ލިބިފައިވަނީ 359 ވޯޓެވެ. ޝީޒާއަށް 358 ވޯޓެވެ.

އެމްއެންޕީން ހުށަހެޅީ އަލުން ވޯޓު ގުނައިދިނުމަށެވެ. ނަމަވެސް އިލެކްޝަންސް ނިންމީ ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށި ކަނޑައި، ވޯޓު ގުނި ވަގުތު ވޯޓު ފޮށީގެ ވެރިޔާއަށް ޝަކުވާ ހުށަހެޅުނު ދެ ވޯޓު ކަރުދާސް އެކަނި ޗެކް ކުރުމަށެވެ. 

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ މުހްޔިއްދީން ސްކޫލްގައި ބަހައްޓާފައިވާ 1 ނަމްބަރު ވޯޓު ފޮށިން ޝަކުވާ ހުށަހެޅި ދެ ވޯޓު ކަރުދާސް ދެ ވަނަ ފަހަރަށް ގުނާފައިވާ ކަމަށެވެ. އެ ގޮތަށް ބަލައިގެން ވެސް އިއުލާނުކޮށްފައިވާ ވަގުތީ ނަތީޖާއަކަށް ބަދަލެއް ނާންނަ ކަމަށް ހަބީބް ވިދާޅުވި އެވެ.

މި އިންތިހާބު ބޭއްވީ ހުޅުމާލޭގައި ހިނގައިދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއްވެ، މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގައި ވިލިމާލެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި މެމްބަރު، އައިމިނަތު އީމާން ނިޔާވުމާ ގުޅިގެންނެވެ.

މާލެ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގައި ޖުމްލަ 17 މެމްބަރުން ތިބޭއިރު، އޭގެ މެޖޯރިޓީ އޮތީ އެމްޑީޕީއަށެވެ. އެއީ އެމްޑީޕީގެ 12 މެންބަރުންނެވެ. ދެން ތިބެނީ ޕީޕީއެމްގެ މެމްބަރަކާއި އަދާލަތު ޕާޓީ އާއި އެމްއާރުއެމްގެ މެމްބަރެއްގެ އިތުރުން މިނިވަން ދެ މެމްބަރެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު