ސްރީލަންކާގެ ރައްޔިތުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކުރި މީހާ: އޭނާ ދޫކޮށްލީ ކްރިމިނަލް ކޯޓުން -- ފޮޓޯ: އަދަދު
އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުން އަލިމަސް ކާނިވާ ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

ގޮތަބަޔަ ރާޖަޕަކްސް ރާއްޖެ އެތެރެވާން ހުއްދަ ދިން މައްސަލައިގައި ރާއްޖޭގައި ދިރިއުޅޭ ލަންކާ ރައްޔިތުންގެ މުޒާހަރާ އިއްޔެ ކުރިއަށް ގެންގޮސްފައިވަނީ އަލިމަސް ކާނިވާ ސަރަހައްދުގަ އެވެ. ސަރަަހައްދުގައި މަޝްރަހު ހޫނުވެ އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. ލަންކާ ފިރިހެން މީހާ ހައްޔަރުކުރުމާއެކު މުޒާހަރާގެ ބައިވެރިން ފަހަތަށް ޖެހި, އިހުތިޖާޖު ނިންމާލި އެވެ.ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސް އަޅައި، އަމުރަށް ނުކިޔަމަންތެތިވުމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު މެންދުރު ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.ލަންކާގެ މީހުންނާއެކު ބައެއް ދިވެހިން ވެސް ބައިވެރިވި އެ މުޒާހަރާ ފެށިތާ މާގިނައިރެއް ނުވެ ފުލުހުން އެ މުޒާހަރާ ރޫޅާލިއެވެ. އެގޮތުން މުޒާހަރާގެ ބައިވެރިވާ 50 ނުވަތަ އެއަށްވުރެ ގިނަ ލަންކާގެ ރައްޔިތުން ހިފައިން ހުރި ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލައިފައެވެ.ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ދަންވަރު 2:50 ގައި ސްރީ ލަންކާގެ އަސްކަރީ އުޅަނދެއްގައެވެ. ރާއްޖޭގައި 32 ގަޑިއިރު ހޭދަކުރެއްވުމަށްފަހު، އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާ އެއާލައިންސްގެ ބޯޓެއްގައި ސިންގަޕޫރަށް މިއަދު ހެނދުނު ފުރާވަޑައިގެންފައެވެ.