މުއްދަތު ހަމަވި ފަހުން ހުށަހެޅުމުން ސާލިމް މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބޭރުކޮށްލައިފި
ސާލިމް: އޭނާ މަރަން ކުރި ހުކުމުގެ މައްސަލަ ހައި ކޯޓުން ބަލައިނުގަތުމަށް ވަނީ ނިންމާފައި --
އދ. ދަނގެތީ ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރުގެ އަނިޔާވެރި ގޮތަކަށް މަރައިލި ކަމަށް އެއްބަސްވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝާ އޮލަމް މިއާ (ސާލިމް) މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

މައްސަލަ ބަލައިނުގަތުމަށް ނިންމީ ހައިކޯޓުގެ ރަޖިސްޓްރާ އެވެ. މައްސަލަ ހުށަހެޅި ފަރާތަށް ރަޖިސްޓްރާގެ ނިންމުން ދިރާސާކޮށްދިނުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ އެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ ހުކުމެއް ނިހާއީ ހުކުމަކަށް ވާނީ މައްސަލައިގައި ހިމެނޭ ފަރާތްތަކުން އެ މައްސަލައެއް އިސްތިއުނާފް ކުރުމުން އެކަމާ ބެހޭ އުސޫލުތަކުގެ ތެރެއިން އިސްތިއުނާފުގެ މަރުހަލާތައް ނިމުމުން ނުވަތަ ހުކުމާމެދު ދެ ފަރާތުން ކުރެ ފަރާތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި މައްސަލަ އިސްތިއުނާފް ނުކޮށް އޮއްވައި އިސްތިއުނާފުގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ގާނޫނުލް އުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ ކުށްވެރިޔަކު މެރުމަށް ކޯޓުން ހުކުމެއް ކޮށްފިނަމަ އެ ހުކުމުގައިވާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. ގާނޫނުގެ މި މާއްދާއާއި ހަވާލާދީ ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމެއްގައި ވަނީ މަރުގެ ހުކުމް އަންނަ މީހުންގެ މައްސަލަ އެފަރާތަކުން އިސްތިއުނާފް ނުކޮށްފިނަމަ އެ މައްސަލައެއް އޭގެ ޒާތުގައި އިސްތިއުނާފް ކުރުމަށް މަތީ މަރުހަލާގެ ކޯޓަށް ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅަންވާނެ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނެފައިވަނީ މި މައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައިވަނީ ޖިނާއީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފު ކުރުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިފަހުން ކަމަށާއި އެހެންވެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށެވެ.
ދަށު ކޯޓުގެ ހުކުމް 60 ދުވަހުގެ ތެރޭގައި ހައިކޯޓުގައި އިސްތިއުނާފް ކުރަންޖެހެ އެވެ. ނަމަވެސް ޕީޖީ އޮފީހުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން އަދި ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނުކުމެ ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އޭރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ފުލުހުންނަށް އެ ރަށު މީހަކު ދިން މައުލޫމާތަކާ އެކުގަ އެވެ. މަހްމޫދު ގެއްލުނު ދުވަހުގެ ރޭ ސާލިމް ދިރިއުޅޭ ގެ ކައިރިން މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ މީހާ ރިޕޯޓް ކުރި އެވެ.ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެފަ އެވެ.ސާލިމްއަކީ ރާއްޖޭގައި މަރުގެ ހުކުމެއް އިއްވި ފުރަތަމަ ބިދޭސީ މީހާ އެވެ. މަރަން ހުކުމް ކުރިޔަސް، އެ ހުކުމް ތަންފީޒު ކުރެވޭނީ އިސްތިއުނާފްގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ. އެކަމަކު އިސްތިއުނާފްގެ މަރުހަލާ ނިމުނަސް، 1953 ވަނަ އަހަރު ފަހުން ރާއްޖޭގައި މަރުގެ އަދަބެއް ތަންފީޒު ކޮށްފައެއް ނުވެ އެވެ.