ޚަބަރު
ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ބުނި ތާރީހަށް ނުނެގުނު!
ޕްލެޓްފޯމް ފަރަށް އަރާފައި
ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް އެޅުމުގައި ބޭނުންކުރަނިކޮށް ވިލިމާލޭގެ ފަރަށް އަރާފައިވާ ޕްލެޓް ފޯމް ދެ ދުވަސް ތެރޭ ނަގާނޭ ކަމަށް އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސްއިން ޔަގީންކަން ދިން ނަމަވެސް އެ މުއްދަތުގައި ވެސް އެ ޕްލެޓްފޯމް ނުނެގި ފަރަށް ގެއްލުންވަމުން އެބަދެ އެވެ.

ބްރިޖުގެ މަސައްކަތް ކުރަމުންދާ އެފްކޯންސްގެ ފަރާތުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ އޯގަސްޓު 16، ގައި ފަރަށް އެރި އެ ޕްލެތްފޯމް 48 ގަޑިއިރުގެ ތެރޭގައި ނަގާނެ ކަމަށެވެ. ނަމަވެސް އިއްޔެ ނެރުނު ކުރު ބަޔާނެއްގައި އެ ކުންފުނިން އަނެއްކާ ބުނީ މޫސުން ގޯސްވުމުގެ ސަބަބުން ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ހުއްޓާލަންޖެހުނީ ކަމަށެވެ.

"ވިލިމާލޭ އިރު ދެކުނު ފަރަށް އަރާފައި އޮތް ޕްލެޓްފޯމް ނެގުމަށް މި ކުންފުނިން ކުރަމުންދިޔަ މަސައްކަތް، މޫސުން ގޯސްވުމުގެ ސަބަބުން ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ވަނީ ހުއްޓާލަންޖެހިފަ. މި ކުންފުނީގެ ޓީމަކުން މި ދަނީ މެދުނުކެނޑި މޫސުން މޮނީޓާ ކުރަމުން އަދި މޫސުން ތަންދިންހާ އަވަހަކަށް ޕްލެޓްފޯމް ނެގުމުގެ މަސައްކަތް އަލުން ފަށާނަން،" އެފްކޯންސް ލިމިޓެޑުން އިނގިރޭސިބަހުން ނެރުނު ކުރު ބަޔާނުގައި ބުނެފައިވެ އެވެ.

އެފްކޮންސް އިން ބޭނުން ކުރާ ދަގަނޑު ޕްލެޓްފޯމް 11 މީހުނާއެކު ފަރަށް އަރާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ހާދިސާގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ވެސް ވެފައި ވެއެވެ. އެ ކުންފުނިން ބުނެފައިވާ ގޮތުގައި ޕްލެޓްފޯމް ފުން ކުރަން އެކަމަށް ބޭނުންވާ ޓަގާއި ބާޖް އަދި ކެރޭންތައް މޮބިލައިޒް ކޮށް މަސައްކަތް ކުރާނީ ފަރަށް ގެއްލުން ކުޑަ، ރައްކާތެރި ގޮތުގަ އެވެ. މޫސުން ތަންދޭނަމަ އަންނަ ބުރާސްފަތި ދުވަހުގެ ކުރީން ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ނިންމާލެވޭނެ އެވެ. އެ މަސައްކަތް ކުރާނޫ ތިމާވެއްޓާއި ރަހުމަތްތެރި އަދި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އެވެ.

ބުރާސްފަތިވެސް ގޮސް ޕްލެޓްފޯމް ފަރަށް އެރިތާ 10 ދިވަސްވީ އިރު، އަދިވެސް އެ ޕްލެޓްފޯމް އޮތީ ކުރިން ވެސް އޮތް ގޮތަށް ފަރުމަތީގަ އެވެ. ކުރީިންވެސް އޮތް ހާލަތަށް ބަދަލެއް ނައިސް ރާޅާ ތަޅަތަޅާ އެބައޮތެވެ. އެ ސަރަހައްދުގައި ޖަމްއިއްޔާތަކާއި އިދާރާތަކުގެ މީހުންގެ "އަޑުއުލާން" އެބަތިއްބެވެ. އެފްކޮންސް އިން ވައުދުވި ގޮތަށް ފުންކުރަން ބަޔަކު އުޅޭތަން ފެނުނު މީހަކު އަދި ނެތެވެ. ނަމަވެސް މިހާރު އޮތީ ޕްލެޓްފޯމް ހިފަހައްޓަން ދެ ވައިޖަހައި އަނެއްކޮޅު ވިލިމާލޭގެ ގަހަކަށް ވާ ހިފާފަ އެވެ. ފަރަށް ލިބޭ ގެއްލުމާއި އެއްވަރަށް އެއްގަމުގައި ހުރި ގަސްތަކަށް ވެސް ނުރައްކާ ވާ ގޮތަށެވެ. އެހެން ކަމުން ކުރިޔަށް ވުރެ ހާލަތު ގޯހެވެ. 

އީޕީއޭއިން ބުނެފައި ވަނި ޕްލެޓްފޯމުން ވިލިމާލާގެ ފަރަށް ލިބުނު ގެއްލުން އެނގޭނީ ޕްލެޓްފޯމް ފުންކުރެވުމުން ކަމަށެވެ. ޕްލެޓްފޯމް ފުންކުރެވުމާ އެކު، އޭގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް އީޕީއޭ އިން މީގެ ކުރިން ބުނެފައިވެ އެވެ.

ވިލިމާލެ ފަރަށް އެރި ޕްލެޓްފޯމް ނަގަން އެކަށީގެންވާ މަސައްކަތެއް ނުކުރާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙުމަދު އުޝާމް ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު އުޝާމް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށްޓަކައި ބޭނުންކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރައި ވިލިމާލޭ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނައިރު އެ ހާދިސާއަށް އެއް ހަފުތާވުމާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ޕްލެޓްފޯމް ނެގުމަށްޓަކައި އެ ބްރިޖުގެ މަސައްކަތް ކުރާ ކުންފުނިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕްލެޓްފޯމު ނުނެގި ގިނަ ދުވަސްތަކެއްވެ، ވިލިމާލޭގެ ފަރަށް ގެއްލުންވަމުންދާތީ މީގެ ކުރިން މާލޭ ސިޓީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ވިލިމާލޭގެ ފަރަކީ މާލޭ ސަރަހައްދުގައި ހުރި ހަމައެކަނި ގުދުރަތީ ފަރުކަން އެ ކައުންސިލުން ފާހަގަ ކުރި އެވެ.

ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު