ޚަބަރު
ތިލަމާލެ ބްރިޖުގެ %35 ނިމިއްޖެ: މުއްތޮލިބު
ވިލިމާލެއާ ދިމާއިން ތިލަމާލެ ބްރިޖު މަސައްކަތް ގޮސްފައި އޮތް ހިސާބު -- ފޮޓޯ/ އެފްކޮންސް
މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އަޅާ ބްރިޖުގެ %35 މަސައްކަތް ނިމިފައިވާ ކަމަށާއި މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު މަސައްކަތް ކުރިއަށް ދަނީ ތާވަލަށް ވުުރެ %1.11 އަވަހަށް ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ދެ އަހަރުތެރޭ ނިންމި ސިނަމާލެ ބްރިޖުގެ މަރާމާތުގެ މަސައްކަތް ހަވާލު ކުރަން ބޭއްވި ރަސްމިއްޔާތުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މާލެ އިން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުމަށް އަޅާ ބްރިޖުގެ މިހާތަނަށް ނިމިފައިވަނީ 35 ޕަސެންޓް މަސައްކަތް ކަމަށެވެ. މިވަގުތު މަސައްކަތް ކުރިއަށްދާ ދުވެއްޔަށް ބަލާއިރު ސްޕީޑް ހުރީ ތާވަލަށްވުރެ 1.11 ޕަސެންޓް ކުރީގަ އެވެ.  

މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް ސެޕްޓެމްބަރު 2026ގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

އެ ބްރިޖުގެ 35.53 ޕަސެންޓު މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި މަސައްކަތުގެ ޕްރޮގްރެސް ހުރީ ޝެޑިއުލަށްވުރެ ކުރީގައި ކަމަށް މިނިސްޓަރި ވިދާޅުވި އެވެ.

"މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާއިރު ސުޕަ ސްޓްރަކްޗާގެ ޕްރީ ކާސްޓިން މަސައްކަތުގެ 24 ޕަސެންޓް މަސައްކަތް ވަނީ ނިމިފައި. މަޝްރޫއުގެ މަސައްކަތާއި އަލަށް އެކުލަވާލި މަސައްކަތާ އަޅާބަލާއިރު މިހާރު ޕްރޮގްރެސް ހުރީ 1.11 ޕަސެންޓް ކުރީގައި،" މިނިސްޓަރު ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު