
އަބްދުﷲ މަރުވި ސަބަބު ދެނެގަތުމަށްޓަކައި އޮޓޯޕްސީ ހެދުމަށް ފުލުހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އާއިލާ އިން އެކަމަށް ދެކޮޅު ހަދަމުންދާ ކަމަށް އެނގިފައިވެ އެވެ. ނަމަވެސް މަރުގެ ހަގީގަތް ދެނެގަތުމަށް އޮޓޮޕްސީ ހެދުމަކީ މިހާރު އާއިލާއިން ނުރުހުނު ކަމުގައި ވިޔަސް ފުލުހުންނަށް ލިބިދޭ އިހްތިޔާރެކެވެ. ރަޝީދުގެ މަރާ ގުޅިގެން ބަޔަކު ވަނީ އޭނާ ގެ ހަށިގަނޑު ގެންދިޔަ، މަޑަވެލި ސިއްހީ މަރުކަޒު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފަ އެވެ. އެ މީހުން ބުނެފައި ވަނީ ރަޝީދު ހައްޔަރުކުރަނިކޮށް ފަރުވާދޭން އެދުމުން އަޅާނުލައި އޭނާ ލޯންޗަށް އަރުވައިގެން ގެންދިޔަ މަގުމަތީގައި ނިޔާވީ ކަމަށާއި އެކަމުގެ ޒިންމާ ފުލުހުން ނަގަން ޖެހޭނެ ކަމަށެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި، އެ ހާދިސާ ހިނގީ ފުލުހުން އޭނާ އަށް ފަރުވާދޭން އިހުމާލުވެފައިވާތީ އެވެ.ފުލުހުންގެ ބެލުމުގެ ދަށުގައި ރަޝީދުގެ މަރާ ގުޅިގެން އާއިލާ އާއި އެ ރަށުގެ ގިނަ ބަޔަކު ސުވާލު އުފެއްދުމުން، ފުލުހުން ބުނީ، މަރުގެ ސަބަބުތައް ދެނެގަތުމަށް އޯޓޯޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނުގެ ސަމާކުކަމަށް ގެނެސް، ތަހުގީގުކުރަން އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މުހުތާޒް މުހުސިން ކުރެއްވި ޓްވީޓެއްގައި ވަނީ އަބްދުﷲ ރަޝީދު ނިޔާވި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ ބައިވެރިވުން އޮވެގެން ނުވާނެ ކަމަށާއި މީގެ ކުރީގައި ހިނގާފައިވާ ފުލުހުންނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން އަމިއްލަޔަށް ތަހުގީގު ކުރުމުން އިންސާފަށް ވާސިލުވުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެފައިވާ ކަމަށެވެ.