އަލީ ރާޒީ
20 ޑިސެމްބަރ 2022 - 15:52
0 comments
ކޮވިޑް-19ގެ ދުވަސްވަރު ރާއްޖެއަށް ވެންޓިލޭޓަރު ގެންނަން މަސައްކަތް ކުރިއިރު ކޮރަޕްޝަން ހިންގާފައިވާ ކަމުގެ ތުހުމަތުގައި ދައުވާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕީޖީ އޮފީހަށް ތިންވަނަ ފަހަރަށް ފޮނުވައިފިއެވެ.
އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވި މައްސަލައިގައި ހިމެނެނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް ކުރިން ހުންނެވި ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި، ހެލްތު މިނިސްޓްރީގެ ޑިރެކްޓަރުކަމުގެ މަގާމުގައި ކުރިން ހުންނެވި ތ. ކިނބިދޫ ބޯގަންވިލާ، އަހްމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުންނެވި ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމް އެވެ.
މި ތިން ބޭފުޅުންގެ މައްޗަށްވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކުރުމަށް އެދިފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. މީގެ އިތުރުން މިމައްސަލައިގައި ދައުލަތަށް ގެއްލުނު 31.5 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށްވެސް އެދިފައިވެ އެވެ.
ވެންޓިލޭޓަރު ގަތުމަށް ހިޔާނާތުގެ އަމަލު ހިންގުމުގައި 11 ބޭފުޅަކު ޝާމިލްވާ ކަމަށް އޭސީސީން ކުރިން ތުހުމަތުކޮށްފައިވެ އެވެ. އޭސީސީ އިން ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިއަދު ފޮނުވި މައްސަލައިގައި ހިމެނޭ ތިން ބޭފުޅުންނަކީ ވެސް 11 ބޭފުޅުންގެ ތެރޭގައި ހިމެނޭ ބޭފުޅުންނެވެ.ކޮވިޑް-19 ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން، މާލީ އަދި ފަންނީ ގާބިލް ކަމެއް ނެތް ދުބާއީގެ ކުންފުންޏެއް ހޮވުމުގައި މާލިއްޔަތު ގަވާއިދާ ހިލާފުވެ ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައިވާ ކަން ފަޅާއެރީ، އޮޑިޓަ ޖެނެރަލް ނެރުއްވި ހާއްސަ އޮޑިޓުންނެވެ.މައްސަލަ ފެންމަތިވުމާ އެކު، އެކަމުގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވްސް އަދި ވެންޓިލޭޓަރުތައް ގެނައުމާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވި ވެރިން މަގާމުން އެކަހެރި ކުރީ މިދިޔަ އަހަރު އޯގަސްޓް މަހުގެ ތެރޭގަ އެވެ.މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް އެ ބޭފުޅުން ސަސްޕެންޑްކޮށްފައިވާތާ އަށް މަސް ވެފައިވަނިކޮށް ނިޝާމާ އާއި ޝިޔާމާ މަގާމުން ވަނީ ވަކިކޮށްފަ އެވެ.ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން އާބިޓްރޭޝަނަށް ދިއުމަށް މަސައްކަތްވެސް ވަނީ ފަށާފައެވެ. ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށްގެންދިޔައީ، ކޯވިޑުގެ ފުރަތަމަ ރާޅާއެކު ބަލީގެ ޙާލަތު އަތްނުފޯރާފަށަށް ހިނގައިދާނެތީ، ސަރުކާރުން އެޅުއްވި ޚާއްސަ ފިޔަވަޅުތަކުގެ ތެރެއިންނެވެ. އެގޮތުން "ސިންގަލް ސޯސް ޕްރޮކިޔުމަންޓް" އުސޫލުން 75 ވެންޓިލޭޓަރު ހޯދުމަށް ދުބާއީގެ އެގްޒިކިއުޓާސް ކުންފުންޏާއެކު ވަނީ އެއްބަސްވެ ވިޔަފާރީގެ މުޢާމަލާތް ހިންގާފައެވެ. އަދި އެކުންފުންޏަށް އެޑްވާންސް ފައިސާގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދިވެހި ދައުލަތުގެ ފަރާތުން ދައްކާފައިވެއެވެ.
މިހާތަނަށް އައިއިރުވެސް މި ފައިސާއަށް ވާވަރަށް ވެންޓިލޭޓަރު ލިބިފައެއް ނުވެއެވެ. އެއްބަސްވުމުގެ ދަށުން ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. އެއީވެސް ދިވެހި ދައުލަތުން އެއްބަސްވި މިންގަނޑަށް ނުފެތޭ ތަކެތިކަމަށް ވުމުން ދައުލަތުން އެތަކެތި ބަލައިގެންފައެއް ނުވެއެވެ. އެއީ މި އެއްބަސްވުމުގެ ފުރަތަމަ ޝިޕްމަންޓުކަމަށް ދުބާއީ ކުންފުނިން ބުނެއެވެ.