ޔޫނުސް އިބްރާހިމް
27 ފެބުރުއަރީ 2023 - 11:44
0 comments
ރައީސްއަކީ ކޮން ބޭފުޅެއްކަން ޔަގީންކުރުމަށް މަތީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި
ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި މިހާރު ހުންނެވީ ކޮން ބޭފުޅެއްކަން ކަށަވަރުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް/ ކޮންގުރެސް ކޯލިޝަނުގެ ފަރާތުން މައްސަލައެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް އެ ކޯޓުން މައްސަލަ އަދި ބަލައެއް ނުގަނެ އެވެ. މީގެ ކުރިން ވެސް މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އެފަހަރު މައްސަލަ ބަލައެއް ނުގަތެވެ.
އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން އިދިކޮޅު އިއްތިހާދުގެ ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ އެ މައްސަލަ ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓަށް އަސްލީ އިޚުތިޞާޞް ލިބިގެންވާ ދުސްތޫރީ މައްސަލަތަކުގެ ހުރިހާ ސިފައެއް ފުރިހަމަވާ ގޮތަށް ޤާނޫނީ ހުއްޖަތު ޤާއިމުކުރުމަށް ފަހުގައި ކަމަށެވެ.ނައިބުރައީސަކީ ރައީސުލްޖުމްހޫރިއްޔާއަށް ވަގުތީ ގޮތުން މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރެއްވޭ ހާލަތުގައި އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް ހުވައިކުރައްވައިގެން ހުންނެވި ބޭފުޅަކަށްވާތީ ނައިބުރައީސް އެފަދަ ހާލަތުގައި ވަކި ހުވައެއް ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އިދިކޮޅުގެ ވަކީލުން ވިދާޅުވެއެވެ.ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ހޭނައްތައިގެން ތައިރޮއިޑް އޮޕަރޭޝަނެއް ކުރަންޖެހިވަޑައިގަތުމާ ގުޅިގެން ވަގުތީގޮތުން ވެރިކަމުގެ ބާރުތައް ނައިބް ރައީސް ފައިސަލް ނަސީމުއާ ހަވާލުކުރެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު އެެވެ. އެ ދުވަހުގެ ފަތިހު 5:50 ގައި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާ ނައިބް ރައީސް ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރައްވައިގެންނެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމު އަދުނާން އެވެ. ނަމަވެސް ހުވާކުރެއްވިތާ ތިން ގަޑިއިރާއި 40 މިނެޓް ފަހުން ރައީސް ސޯލިހް އަލުން ވަނީ ރައީސުލްޖުމްހޫރިއްޔާ މަގާމުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފަ އެވެ. މިހުރިހާ ކަމެއްވެސް ރައީސް އޮފީހުން ރަސްމީކޮށް އިއުލާންކޮށްފައިވެ އެވެ. އިދިކޮޅުގެ ވަކީލުން ވިދާޅުވަނީ މިހާރު ރައީސުލްޖުމްހޫރިއްޔާއަކީ ފައިސަލް ނަސީމުކަމަށް ދެކެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލާގައި ފައިސަލް ނަސީމް ކުރައްވާފައިވާ ހުވައަކީ ސީދާ ޤާނޫނު އަސާސީ ޚިލާފު ހުވައެއްކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.މިފަދަ މައްސަލައެއްގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ފިލުވައިދިނުމާއި ހުވައިކުރުމާ ގުޅޭ މާއްދާ މާނަކޮށްދިނުމަކީ ސުޕްރީމް ކޯޓުން ކޮށްދޭންޖެހޭނެ ކަމެއްކަމަށްވެސް ވަކީލުން ވިދާޅުވިއެވެ.ލީގަލް ޓީމުގައި ހިމެނޭ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވީ ފައިސަލް ނަސީމް ކުރެއްވި ހުވަޔަކީ ގާނޫނު އަސާސީގައި ކުރައްވަން އޮތް ހުވަޔެއްތޯ ސާފުކުރުމުގެ ގޮތުން ގާނޫނު އަސާސީ މާނަކުރުމަށް އެދިފައިވާނެ ކަމަށެވެ."މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަންނާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ، ރައްޔިތުންގެ މެދުގައި މި ވަރުގެ ބޮޑު އޮޅުމެއް އުފެދިގެން އުޅޭއިރު އެ ކަން ސާފުކޮށް، ހުވާކުރި ގާނޫނީ މާއްދާ ރަނގަޅަށް މާނަކޮށްދިނުމަކީ ސުޕްރީމް ކޯޓުގެ ވަރަށް ބޮޑު ޒިންމާއެއް،" ސިއްދީގު ވިދާޅުވި އެވެ.
ސަރުކާރުން ބުނާ ގޮތުގައި މި ހުރިހާ ކަމެއް ހިނގާދިޔައީ ގާނޫނުއަސާސީގައިވާ ގޮތަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނާ ގޮތުގައި އެކަމުގައި ގާނޫނީ މައްސަލަތަކެއް މިހާރު ވަނީ އުފެދިފަ އެވެ. އަދި މިވަގުތު ރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ދެ ބޭފުޅުން ތިއްބެވި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ ރައީސް ސޯލިހަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ގަބޫލުކުރަން ދެކޮޅުވެސް ހަދާފަ އެވެ. މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ރައީސްކަމުގައި ހުންނަވާ ބޭފުޅަކު "އާލާސްކަންފުޅެއް ޖެހޭ ކޮންމެ ފަހަރަކު" ނައިބު ރައީސް، ރައީސްކަމުގެ ހުވާކުރެއްވުމަކީ ކުޑަ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން ވަރަށް ގިނަ މައްސަލަތައް އުފެދިދާނެ ކަމަށެވެ. މިއީ ވަރަށް ބޮޑު ދުސްތޫރީ މައްސަލައެއް ކަމަށެވެ."ނައިބު ރައީސްގެ ހުވާގައި ވަރަށް ރަނގަޅަށް ބަޔާންކޮށްފައި އެބަ އޮވޭ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރައްވާ މަސައްކަތްތަކެއް ކުރުމަށް ރައީސުލް ޖުމްހޫރިއްޔާއަށް އެހީތެރިވެދިނުމަށް. އެހެންވީމާ ގާނޫނީ ފަރުވާއެއް ބޭނުންވާ ކަމެއް ކަމަކަށް އަޅުގަނޑުމެން ނުދެކެން، ވަރަށް ސާފުކޮށް އޮތް މައްސަލައެއް ކަމަށް އަޅުގަނޑުމެން ދެކެނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ނައިބު ރައީސް، ރައީސްކަމުގެ ހުވާ ކުރެއްވި ފަހުން އިބްރާހިމް މުހައްމަދު ސޯލިހް އަލުން ރައީސްކަމުގެ ހުވާކުރެއްވިކަން އެނގިފައި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ދެ ބޭފުޅަކު ރައީސްކަމުގެ ހުވާ ކުރައްވާފައި ވާތީ އެކަމަށް ޖަވާބެއް ބޭނުންވާ ކަމަށެވެ.ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަލުން ވެރިކަމަށް ވަޑައިގެން، މި މައްސަލަ ތަހުގީގުކުރައްވާ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.