ޚަބަރު
ގާސިމް، 2023 ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފި
ގާސިމް އިބްރާހިމް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.

ޖޭޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިމަހުގެ 16 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދު މެންދުރު 12:00 އަށް ހަމަވާނެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖޭޕީން ނިންމީ އެ ޕާޓީގެ ކައުންސިލްގެ 151 ވަނަ ބައްދަލުވުމުގަ އެވެ. 

ޖޭޕީން މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވަނީ ސަރުކާރު ހިންގާ ކޯލިޝަން އެކުގައި އިންތިޚާބަށް ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދައުވަތު ދެއްވާފައިވަނިކޮށެވެ. އެ މަނިކުފާނު ވަނީ ގާސިމްގެ ތާއީދު ހޯއްދެވުމަށް އޭނާއާ ތަކުރާރުކޮށް ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފައެވެ.

އެކަމަކު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނުރަސްމީ ގޮތެއްގައި ގާސިމަށް ތާއީދު ކުރައްވައިފައެވެ. އެ މަނިކުފާނަށް ތާއީދުކުރައްވައި މަޖިލީސް މެންބަރުން މިހާރު ގެންދަވަނީ ޖޭޕީއާ ގުޅިގެން ކޯލިޝަން އެއްބަސްވުމެއް ހެދުމުގެ މަސައްކަތް ފަށައިފައެވެ.

ރިޔާސީ ކެންޑިޑޭޓު ކަމަށް ޝަރުތު ހަމަވާ އެތައް ބޭފުޅުންނެއް ތިއްބެވި ނަމަވެސް ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު ހަމަވާން ދިޔައިރު ވެސް އެއްވެސް މީހަކު ކުރިމަތިނުލާފައިވާކަން ގާސިމް މިއަދު ފޮނުއްވި ސިޓީގައި ފާހަގަކުރެއްވި އެވެ.

"ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ހުރި މީހަކީ އަޅުގަނޑު ކަމަށްވުމާ އެކު، މާތް ﷲ ގެ ވާގިފުޅާއި މިންވަރުފުޅުން ޕާޓީން އެދޭގޮތް ހާސިލު ކޮށްދިނުމަށްޓަކައި" ކުރިމަތިލާން ނިންމި ސަބަބެއްގެ ގޮތުގައި ގާސިމް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެ އެވެ.

މީގެ ކުރިން ޖޭޕީއިން ރިޔާސީ އިންތިހާބުގައި 2008 އަދި 2013 ގައި ވާދަކުރި އިރުވެސް ޕްރައިމަރީއެއް ބާއްވާފައެއް ނުވެ އެވެ.

ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބު ބޭއްވުމަށް ނިންމާފައި ވާއިރު، މި އިންތިހާބަށް ވަކިން ވާދަކުރަން ގާސިމް ނިންމަވައިފި ނަމަ އެކަމަކީ ކޯލިޝަނެއްގެ ގޮތުގައި ކުރިއަށްދާން އުނދަގޫވާނެ ކަމެއް ކަަމަށާއި އެކުގައި ނުތިބެވޭ ނަމަ ކޯލިޝަން އެއްބަސްވުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާންކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އިދިކޮޅު އެންމެ ބޮޑު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
100%
1 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު