ޚަބަރު
ޖޭޕީން ވަކިވަނީ މަގާމު ދިފާއު ކުރަން: ގާސިމް
ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުންގެ ތެރެއިން މަގާމުގައި ދެމި ހުންނެވުމުގެ ބޭނުމުގައި ޕާޓީ ދޫކޮށްދާ މެންބަރުންނަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.


ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ ވަކިން އިންތިހާބަށް ނުކުތުމަށް ނިންމުމާއެކު، އެ ޕާޓީގެ އިސް ބައެއް މެމްބަރުން ވަނީ ޕާޓީން ވަކިވެފަ އެވެ.

އޭގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރާއި، ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާ، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް، އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ޝާހު، އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހްމަދު (ހަނަފީ) ހިމެނެ އެވެ.

އެކަމާ ގުޅިގެން ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއްބޭފުޅުން މަގާމު ދިފާއުކުރުމުގެ ނިޔަތުގައި ޕާޓީއާއި ޕާޓީގެ ލީޑާޝިޕް ބަދުނާމު ކުރުން ގޯސް ކަމަށެވެ.

"...ކަމުގެ ހަގީގަތާ އެއްގޮތަށް ވަޒީފާގެ ބޭނުމަށްޓަކައި ޕާޓީން ވަކިވާކަން އިއްލާން ކުރެއްވުން ކީއްތޯ؟" ގާސިމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ދާދިފަހުން ވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްއާރްއެމް އާއި ޖަމިއްޔަތުއްސަލަފް އާއި ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ. އަދި އެމްޑީޕީގައި އޮތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނާއެކު ކޯލިޝަން ހެދުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
50%
50%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު