ޚަބަރު
ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ޔާމީން: ޕީޕީއެމް
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިދިކޮޅު ކޯލިޝަނުން ރިޔާސީ ޓިކެޓް ދީފައި ވަނިކޮށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ ކައުންސިލަރު އާދަމް ރަމީޒް ކެމްޕޭން ކުރެއްވި ކަމަށް ބުނާ މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލަން އެންގެވީ ރައީސް ޔާމީން ކަމަށް އެޕާޓީން ބުނެފި އެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނޫސްވެރިން ގާތު އެހެން ވިދާޅުވިއިރު، އެ ޕާޓީގެ ސުލޫކީ ކޮމިޓީ އަށް ރަމީޒު މިދިޔަ އަންގާރަ ދުވަހު ހާޒިރުކޮށް ވަނީ ބަޔާން ނަގައިފަ އެވެ. އަދި ދިފާއުގައި އޭނާ ހެކި ވެސް ހުށަހެޅުއްވި އެވެ. އެކަމަކު، ކޮމިޓީން މައްސަލަ ބަލައި ނުނިމެނީސް، އެ ރޭ ދަންވަރު ރަމީޒް ވަނީ ކުއްލި ގޮތަކަށް ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

އެ ނިންމުން ނިންމެވި ސަބަބު ރަމީޒް އަދި އޮތީ ސިއްރު ކުރައްވައިފަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިއެއްގެ ސުވާލާ ގުޅިގެން ޝިޔާމް ވިދާޅުވީ، ރިޔާސީ ކެންޑިޑެސީ އަށް ހުރަސްއެޅޭ ފަދަ ކަންތައްތަކެއް ރަމީޒު ކުރައްވާ ކަމަށާއި ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދިވަޑައިގަތީ ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ.

ރަމީޒުގެ މައްސަލަ ޕީޕީއެމްގެ ސުލޫކީ ކޮމިޓީން ބަލަމުން ދަނިކޮށް އޭނާ ވަނީ ޕީޕީއެމް އިން އިސްތިއުފާ ދެއްވާފަ އެވެ.

ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ރަމީޒު ފޮނުއްވި ސިޓީ ވިދާޅުވެފައިވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި މިވަގުތު އުޅުއްވެން ނެތުމުން ވަކިވާން ނިންމެވީ ކަމަށެވެ. 

ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާއިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ވާދަކުރެވިދާނެ ކަމާ މެދު ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އެކަމަކު، ޕީޕީއެމްގެ ލީޑަޝިޕުން ބުނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ޔާމީން ވާދަކުރައްވާނެ ކަމަށާއި ޝަރުއީ ނިޒާމުގެ ތެރެއިން އެ މަނިކުފާނަށް އެ ފުރުސަތު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ޝިޔާމް މިއަދު ވެސް ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެހެންވެ، އިތުރު އެހެން ގޮތެއް ނުބައްލާ ކަމަށް ވިދާޅުވި އެވެ،


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު