ދުނިޔެ
ސަޢޫދީ ޚާރިޖީ ވަޒީރު ސީރިޔާއަށް ވަޑައިގެން، އަސަދާ ބައްދަލުކުރައްވައިފި
ސައޫދީ ޚާރިޖީ ވަޒީރު ސޫރިޔާއަށް ވަޑައިގެން ރައީސް ބައްޝާރުލްއަސަދާ ބައްދަލުކުރައްވަނީ
ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގަންނަވައި، އެ ޤައުމުގެ ރައީސް ބައްޝާރު ހާފިޛުލް އަސަދާ ބައްދަލުކުރައްވައިފިއެވެ. މިއީ، 2011 ވަނަ އަހަރު ފެށި ސޫރިޔާގެ ދާޚިލީ ހަނގުރާމައާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ޚާރިޖީ ގުޅުން މެދުކެނޑުމަށް ފަހު އަސަދާއި ޕްރިންސް ފައިޞަލް ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅަކީ 2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިފަދަ ފުރަތަމަ ދަތުރުފުޅެއްގައި ސޫރިޔާގެ ޚާރިޖީ ވަޒީރު ފައިސަލް މެކްދާދު ސައުދީއަށް ކުރެއްވި ދަތުރުފުޅެކެވެ.

ސައުދީ އަރަބިއްޔާ އާއި ސީރިއާއާ ދެމެދު ސިޔާސީ ގުޅުން އަލުން ފަށަން އެއްބަސްވެފައިވާއިރު، ސިޔާސީ ހަރަކާތްތައް ހޫނުވެފައި މިވަނީ އަންނަ މަހުގެ 19 ވަނަ ދުވަހު ރިޔާޒްގައި އަރަބި ލީގުގެ ދެން އޮންނަ ސަމިޓާ ދިމާކޮށެވެ.

2011 ވަނަ އަހަރު ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް ހިންގި ހަރުކަށި ފިޔަވަޅުތަކާ އެކު އަރަބި ލީގުގެ މެމްބަރުކަން ސީރިއާއަށް ދިނުން މެދުކަނޑާލައި ގަލްފުގެ އަރަބި ބައެއް ގައުމުތަކުން އަސަދު ވެރިކަމުން ދުރުކުރަން މަސައްކަތް ކުރާ އިދިކޮޅު ޖަމާއަތްތަކަށް ތާއީދު ކުރަން ފެށި އެވެ.

އަސަދުގެ މައި ބައިވެރިން ކަމަށްވާ އީރާނާއި ރަޝިއާގެ އެހީތެރިކަމާއެކު ފަހުން ސީރިއާގެ ބޮޑު ބައެއްގެ ކޮންޓްރޯލް އަލުން ހޯދިއިރު، ފާއިތުވި މަސްތަކުގައި ސައޫދީން ވަނީ އޭނާ އެކަހެރިކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ބުނެފަ އެވެ.

ޕްރިންސް ފައިޞަލްގެ ދަތުރުފުޅާ އެކު ޤަރުނެއްގެ މެދުކެނޑުމަކަށް ފަހު ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އަލުން ބަދަހިކުރަން ފެށިފައިވާ ކަމުގައި ސޫރިޔާގެ ދަޢުލަތުގެ މީޑިޔާ ސަނާއިން ރިޕޯޓުކުރެއެވެ. އަސަދުގެ ސަރުކާރަކީ އީރާނާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސަރުކާރެކެވެ.

"ސަޢޫދީ ޢަރަބިއްޔާއާއި ސޫރިޔާއާ ދެމެދު ގާތްގުޅުމެއް އޮންނަން ޖެހޭ. އެއީ އެންމެ ރަނގަޅު ގޮތް. މި ގުޅުންތަކުގެ ސަބަބުން ދެ ޤައުމަށް ވެސް ފައިދާ ވާނެ. އަދި މުޅި ޢަރަބި ދުނިޔޭގެ އިތުރުން މުޅި ދުނިޔެއަށް ވެސް ފައިދާތަކެއް ލިބޭނެ،" ސަނާއަށް ދެއްވި ބަސްދީގަތުމެއްގައި އަސަދު ވިދާޅުވިއެވެ. 

ސައޫދީ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރިންސް ފައިސަލްގެ މި ދަތުރުފުޅަކީ ސޫރިޔާގެ މައްސަލައަށް ސިޔާސީ ހައްލެއް ގެނައުމަށް ސައުދީން ކުރާ މަސައްކަތުގެ އޮނިގަނޑުގެ ތެރެއިން ކުރައްވާ ދަތުރުފުޅެއް ކަމަށާއި، އެކަމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ނުރައްކަލެއް ނިމުމަކަށް ގެނެސް، ސޫރިޔާގެ އެއްބައިވަންތަކަމާއި ސަލާމަތާއި ހަމަޖެހުމާއި އަރަބި އަމިއްލަވަންތަކަން ހިމާޔަތްކޮށް، އެ ގައުމުގެ ވަށައިގެންވާ ސަރަހައްދަށް އެ ގައުމު އަލުން އިއާދަކޮށް، އެއްބަނޑު އެއްބަފާ ރައްޔިތުންގެ ލާބައާއި މަންފާ ހާސިލްވާ ފަދަ ގޮތަކަށް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޕްރިންސް ފައިސަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޕްރެޒިޑެންސީ އެފެއާޒް މިނިސްޓަރު މަންސޫރު އައްޒާމް ކަމަށެވެ.

އަރަބި ގައުމުތައް ސީރިޔާއާ ގާތްވަމުންދާތީ އެމެރިކާއާއި ޔޫރަޕްވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިދެފަރާތަކީ ސިޔާސީ ބޭނުމެއްގައި ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް އަދިވެސް ބޭނުންވާ ދެފަރާތެވެ. ނަމަވެސް އަރަބި ގައުމުތަކުގައި އެމެރިކާއާއި ޔޫރަޕްގެ ބާރާއި ނުފޫޒު މިހާރު ކުރިޔާ އަޅާބަލާއިރު ކުޑަވެފައިވާތީއާ އަދި އެމެރިކާއަށް ގޮންޖެހުމުގެ ސިޔާސަތެއް ސައުދީމިހާރު ގެންގުޅެން ފަށާފައިވާތީ މިކަމުގައި އެމެރިކާއަށް ކުރެވޭނެ މާބޮޑުކަމެއް މިހާރަކު ނެތެވެ.

ބައްޝާރުގެ ސަރުކާރާ ގުޅުންތައް ގާއިމްކުރުމަށް ސައުދީކުރާ މަސައްކަތްތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އެޅުމަކީ އެމެރިކާއަށް މިހާރު ކުރެވޭނެ ކަމެއްނޫނެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު