މާފަރު އެއާޕޯޓް: އެ އެއާޕޯޓް ބޮޑުކުރުމުގެ ޕްރޮޖެކްޓެއް އެމްޓީސީސީއިން އަންނަނީ ހިންގަމުން
ނ.މާފަރު އެއާޕޯޓްގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތުގައި ގެންގުޅުނު އެކްސްކަވޭޓަރެއް ފުރޮޅާލައި އޭގައި އިން ޑްރައިވަރު މިއަދު މަރުވެއްޖެ އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ބުނީ، މާފަރު އެއާޕޯޓުގެ ރަންވޭގެ މަސައްކަތަށް ބޭނުންކުރަމުން ދިޔަ އެކްސްކެވޭޓަރެއް ފުރޮޅާލައި ހިނގި ހާދިސާ ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 9:27 ހާއިރު ކަމަށެވެ.އެ ހާދިސާގައި މަރުވީ އެކްސްކެވޭޓަރުގެ ޑްރައިވަރެވެ. އެއީ އުމުރުން 35 އަހަރުގެ އިންޑިއާ ރައްޔިތެކެވެ.ފުލުހުން ބުނި ގޮތުގައި، އޭނާ މާފަރު ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފަ އެވެ.އެކްސްކެވޭޓަރު ފުރޮޅާލަން ދިމާވި ސަބަބެއް އަދި ނޭނގޭ އިރު ފުލުހުން ބުނީ، އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.އެ ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މަރުވި އިންޑިއާ މީހާއަކީ އެމްޓީސީސީގެ މުވައްޒަފެކެވެ.މާފަރު އެއާޕޯޓް އެކްސްޓެންޝަންގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ރަންވޭ ބޮޑު ކުރުމުގެ މަސައްކަތާ ހަވާލުވެ އެ މަސައްކަތް ކުރަމުން ދަނީ އެމްޓީސީސީންނެވެ.މިއީ 27.1 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން, އެ އެއާޕޯޓުގެ 2.2 ކިލޯމީޓަރުގެ ރަންވޭ 2.85 ކިލޯމީޓަރަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.