ރައީސް ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނާ މައްސަލައެއް
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތްކަމަށް ބުނެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ޝަރީފް ހުށަހެޅުއްވި އިމްތިޔާޒުގެ މައްސަލައިގައިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް މައްސަލައިގެ ނޯޓިސް ހަމަވުމަށްފަހު މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތީން އެންމެ އަވަހަށް ބާއްވާ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ވާނީ މަޖިލީހުގެ ރައީސްކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވަން އިންކާރު ކުރައްވައި މަޖިލީހުގެ އިމްތިޔާޒަށް އަަރައިގެންފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް މައްސަލައިގެ މުއްދަތު ހަމަވެގެން ބޭއްވި ޖަލްސާގައިވެސް ރިޔާސަތާއި ހަވަލުވެވަޑައިނުގެން މަޖިލީހުގެ ރައީސް އިންނެވީ މަޖިލީހުގެ ކުޑަ ދަށުގައި ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މިއީ މުޅި މަޖިލީހުގެ ނިޒާމަށް އަރައިގަނެ މަޖިލީހުގެ އިމްތިޔާޒަށް އުނިކަން އަންނަ ޢަމަލެއްކަމަށެެވެ.

ޝަރީފްގެ މައްސަލައިގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މި އަމަލުތަކަކީ ގާނޫނުއަސާސީ އާއި މަޖިލީހުގެ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންކަން ކަމަށެވެ.

"މިއީ މުޅި މަޖިލީހުގެ ހައްގަށް އަރައިގަތުން. ޖުމްލަ ގޮތެއްގައި އިމްތިޔާޒަށް އުނިކަން އަންނަ އަމަލެއް،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، އިމްތިޔާޒާ ގުޅޭ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވާ ނަމަ އެހެން ހުރިހާ މަސައްކަތަކަށް ވުރެ ކުރިން އިސްކަން ދޭން ޖެހެ އެވެ. އެ އާ ގުޅޭ ގޮތުން ގޮތެއް ނުނިންމައި އިތުރު މަސައްކަތެއް ނުކުރެވޭނެ ކަމަށް ގަވައިދުގައި ވެ އެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު