ޚަބަރު
ޔާމީން ގެއަށް ބަދަލު ކުރުމަށް ނަޝީދު އީޔޫގެ އެހީއަށް އެދެފި
އީޔޫގެ ވަފްދުގެ ބޭފުޅުންނާ ނަޝީދު ވާހަކަދައްކަވަނީ - ފޮޓޯ/މަޖިލީސް
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރިކޮށް ކުރިއަށް ގެންދިއުމަށް، ރިޝްވަތު ގަބޫލުކުރުމާއި މަނީލޯންޑްރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކުރައްވަން ޖެހޭ ކަމަށް ވިދާޅުވެ، އެކަމަށް ޔޫރޮޕިއަން ޔޫނިއަންގެ އެހީއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖެ ވަޑައިގެން އުޅުއްވާ އީޔޫގެ ވަފުދާ މިއަދު ބައްދަލުކޮށް ނަޝީދު ވަނީ ރައީސް ޔާމީން ގެޔަށް ބަދަލުކުރުމަށް އެހީތެރިކަމަށް އެދިފައެވެ. ނަޝީދު ވިދާޅުވާ ގޮތުގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ އެމަނިކުފާނު ގެޔަށް ބަދަލުކޮށްގެންނެވެ.

އީޔޫއިން ހަމަޖެއްސި އޮބްޒާވަރުންގެ ޓީމުގެ ކޯ-ޓީމުގެ ޗީފް އޮބްޒަރވަރގެ ގޮތުގައި ހަމަޖައްސަވާފައިވާ ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރ، އަދި ޓީމު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ ރައީސް މަޖިލީހުގެ ރައީސް އަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގައެވެ. މި ޒިޔާރަތުގައި ރައީސް ނަޝީދު ވަނީ ޔާމީންގެ މައްސަލައިގައި މަޝްވަރާކޮށްފައެވެ.

ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި ޕީޕީއެމުން އެކަށީގެންވާ މަސައްކަތް ނުކުރެވޭ ކަމަށެވެ. އެހެން ނޫންނަމަ އެމަނިކުފާނު މިވަގުތު ހުންނަވާނީ ގޭގައި ކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ. އަދި ރައީސް ޔާމީން ޖަލުގައި އޮތުމަށް ބޭނުންވާ ލީޑާޝިޕް ބޭފުޅުން ތިއްބެވި ކަމަށް ނަޝީދު ވަނީ ތުހުމަތު ކުރައްވާފައެވެ.

ޔާމީނު މިނިވަންކުރުމަށް ނަޝީދު ގޮވާލައްވަމުން ދަނީ އެމްއެމްޕީއާރުސީގެ ވައްކަމުގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭއިރު އެންމެ ބޭފުޅަކު ހިފައި ހައްޔަރުކޮށް، ފަސް އަހަރު ވުމުން އެއީ އިންސާފު ކަމަކަށް ބަލައެއް ނުގަނެވޭނެ ކަމަށް ވިދާޅުވެ އެވެ.

ޔާމީން ހައްޔަރުކޮށްފައިވާ މައްސަލާގައި ޕީޕީއެމުން ވަނީ ބޭރުގެ އެކި ފަރާތްތަކާ ބައްދަލުކޮށްފަ އެވެ. އެކަމަށް އެ ފަރާތްތަކުން އެކަށީގެންވާ ގޮތެއްގައި ސަމާލުކަން ނުދޭ ކަމުގެ ކަންބޮޑުވުން އެ ޕާޓީން ފާޅުކުރާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހުންނަން ޖެހޭ ދެ ޝަރުތެއް އުނިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށް ސާބިތުވުމުން އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށް، އެ މަނިކުފާނު ޖަލުގައި ހުންނަވާތާ މިހާރު 1000 ދުވަހަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެމަނިކުފާނުގެ ބަދަލުގައި މިހާރު އެ ކޯލިޝަނުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު