އއ. މަތިވެރީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 143 މިލިއަން ރުފިޔާ އަށެވެ. އެއީ 390 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.އެ މަޝްރޫއުގެ ދަށުން މަތިވެރީގެ އުތުރު ފަރާތުން ފެށިގެން ހުޅަނގު އުތުރު ސަރަހައްދު ހިމެނޭހެން 26.5 ހެކްޓަރުގެ ބިން އިތުރު ވެގެންދާނެއެވެ.މިދިޔަ މާޗު މަހު ޕްލޭނިން މިނިސްޓްރީން ވަނީ މަތިވެރީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައެވެ.އެ މަޝްރޫއު ގެ ދަށުން ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން އަދި، ދެކުނު ފަރާތުގައި 70 މީޓަރުގެ 5 ވައިގްރޮއިން، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، 70 މީޓަރުގެ ވައިގްރޮއިން އަދި އިރުމަތީފަރާތް 5 މީޓަރު ފުޅާމިނަށް ގޮނޑުދޮށް ވެލިއެޅުމަށް ހަމަޖެހިފައިވެއެވެ.