ޚަބަރު
28 ދުވަހުގެ ތެރޭގައި ގުޅި ހިއްކުމުގެ 80 ޕަސެންޓް ނިންމައިފި
ކ. ގުޅީ ބިން ހިއްކުމުގެ މަޝްރޫއު ފެށިތާ 28 ދުވަހުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

89.63 މިލިއަން ރުފިޔާގެ އަގުގައި ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އެމްޓީސީސީ އިން ބުނީ ގުޅީގެ ބިން ހިއްކަން ހަވާލުކޮށްފައިވާ މުއްދަތަށްވުރެ ކުރިން މަސައްކަތް ނިންމާލުމަކީ އަމާޒެއް ކަމަށެވެ. ދެން ހުރި މަސައްކަތްތައް ވެސް އަވަސް މިނެއްގައި ނިންމާލާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގާތްގަނޑަކަށް 1015 މީހުން ދިރިއުޅޭ ގުޅިއަކީ ބިމުގެ ޖާގަ ކުޑަ ނަމަވެސް ފަތުރުވެރިކަން ކުރިއަރައިގެން އަންނަ ރަށެކެވެ. މިރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ބިންކޮޅު ކުޑަވުމެވެ.

އެމްޓީސީސީ އިން ބުނީ އެންމެ ފަހުން އެރަށުން ބިން ދޫކޮށްފައި ވަނީ 2003 ވަނަ އަހަރު ކަމަށެވެ. އެއީވެސް އެންމެ 13 ބިންކަން ފާހަގަކުރަމުން އެ ކުންފުނިން ބުނީ، މިހާރު ކުރިއަށްދާ ބިން ހިއްކުމުގެ މަޝްރޫއާއެކު އެރަށު ރައްޔިތުންނަށް އޮތް ދައްޗަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. 

"ޝޯ ޕްރޮޓެކްޝަންއަށްވެސް ގާތްގަނޑަކަށް 22 ހާސް ޓަނުގެ ބޮޑުހިލަ އެބަ ބޭނުންވޭ. އެހެންވީމަ މިހާރު މިރަށުގައި މި މަސައްކަތް ކުރަމުންދާއިރު ފުރަތަމަ ޝިޕްމަންޓު 10 ހާސް ޓަނުގެ ރޮކް ބޯލްޑާސް މިހާރު ވަނީ ގެނެވިފައި. އަންލޯޑް ކުރުމުގެ މަސައްކަތް ކުރަމުން އެދަނީ. އަންލޯޑްކޮށް ނިމުނީމަ ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނެ،" އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަޑް އަހުމަދު ސައުދީ  ވިދާޅުވި އެވެ.

ގުޅީ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުން 10.15 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުވެގެންދާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 10,962 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓެއްގެ އިތުރުން 88 މީޓަރުގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު