ޚަބަރު
ފްލައިޓެއްގައި ކެބިން ކްރޫއަކަށް ޖިންސީ ގޯނާކުރި ދިވެއްސަކު އިންޑިއާގައި ހައްޔަރުކޮށްފި
އޮގަސްޓް، 18 ގައި އިންޑިއާގެ އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން މާލެއިން ބެންގަލޫރަށް ދަތުރުކުރި ދިވެއްސަކު ކެބިން ކްރޫއަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ 'ނިއު އިންޑިއަން އެކްސްޕްރެސް' ނޫހުން މިއަދު ރިޕޯޓު ކޮށްފައިވާ ގޮތުގައި އަކުރަމް އަހުމަދު، 51، ހައްޔަރުކޮށްފައިވަނީ ކެމްޕެގޯޑާ އިންޓަނޭޝަނަލަ އެއާޕޯޓަށް ފްލައިޓް ޖެއްސުމާ އެކު އެއާޕޯޓުންނެވެ.

އެ ނޫހުން ބުނެފައިވަނީ ހުކުރު ދުވަހުގެ މެންދުރުފަހު 3:48 ގައި ފްލައިޓް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުން ނައްޓާލުމާ އެކު ބަނގުރާ ދަޅަކާއި ކެޝޫނަޓު ގެނެސްދިނުމަށް ކެބިން ކްރޫއެއް ކައިރީގައި އަކުރަމް އެދުނު ކަމަށެވެ.

އަދި, ކެބިން ކްރޫ އެ ތަކެތި ގެނެސްދިނުމުން، "އަހަރެން ތިކަހަލަ އަންހެން ކުއްޖެއް ހޯދާތާ 51 އަހަރު ވެއްޖެ" ކަމަށާއި ހުސް ވަގުތެއް ލިބޭނީ ކޮންއިރަކުތޯ އަކުރަމް ސުވާލުކޮށްފައިވާކަމަށް އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓްކޮށްފައިވެ އެވެ.

އޭގެ އިތުރުން އޭނާ ގެނައި ތަކެއްޗަށް ފައިސާ ދެއްކުމުގެ ގޮތުން 100 ޑޮލަރު ދީ 10 ޑޮލަރު ކެނޑުމަށްފަހު ބާކީ ބޭއްވުމަށް ވެސް އަކްރަމް އެދިފައިވާ ކަމަށާއި، ކެބިން ކްރޫ ގައިގައި ގޯސް ނިޔަތެއްގައި އަތްލި ކަމަށް ވެސް ނޫހުން ބުނެ އެވެ.

އިންޑިއަން އެކްސްޕްރެސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަކްރަމް ވަނީ އެހެން ކެބިން ކްރޫއަކަށް ވެސް ޖިންސީ ފުރައްސާކޮށް، ތިން ފަހަރު އޭނާގެ ސީޓުން ތެދުވެ ކެބިން ކްރޫނަށް ގޮވާފަ އެވެ.

ފްލައިޓް ޖެއްސުމުގެ ކުރިން ކެބިން ކްރޫންގެ ފަރާތުން ވަނީ އެކަން ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސްގެ ސަމާލުކަމަށް ގެނެސްފަ އެވެ. އެހެންކަމުން، އޭނާ ފްލައިޓުން ފޭބުމާ އެކު، އިންޑިއާގެ ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ.


 

ކިޔުންތެރިންގެ ޝުއޫރު
43%
29%
7%
21%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު