ވިޔަފާރި
ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމާއެކު ބަދަލުވާނީ ކޮންކަމެއް؟
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ތައާރަފްކުރަން ތައްޔާރުވެފައިވާ މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ޚިދުމަތާއެކު ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމުގެ ނިޒާމުގެ މަލަމަތި އެއްކޮށް ބަދަލުކޮށްލާނެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވުމުގައި ދިމާވަމުންދިޔަ ތުރާތަކަށް ނިމުމެއް އަންނާނެއެވެ. މިތަނުގައި މޯލްޑިވްސް އިންސްޓަންޓް ޕޭމަންޓް ސިސްޓަމްގެ ފުރަތަމަ ފޭސް ނިމި ޚިދުމަތް ފަށާއިރު ލިބޭނެ ޚިދުމަތްތަކަށް ކުރުގޮތަކަށް ބަލާލާނަމެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތައާރަފްކުރުމަށް ތައްޔާރުވަމުންދާ މޯލްޑިވްސް އިންސްޓެންޓް ޕޭމަންޓް ސިސްޓަމުން މި ބަދަލު ފެނިގެންދެ އެވެ.

ފައިސާގެ މުއާމަލާތްތައް ވަގުތުން ވަގުތަށް (އިންސްޓަންޓް ޕޭމަންޓްސް)

މިއީ މި ސިސްޓަމްގެ އެންމެ މުހިންމު ސިފައެވެ. ވަގުތުން ފައިސާ ފޮނުވުމެވެ. މި ސިސްޓަމްގައި ބައިވެރިވާ ކޮންމެ ބޭންކެއްގެ ކޮންމެ ކަސްޓަމަރަކަށް ކޮންމެ ތާކު ހުރެ ވެސް މި ޚިދުމަތް ލިބިގެންދާނެއެވެ. އެއް ބޭންކުން އަނެއް ބޭންކަށް ކުރާ ޓްރާންސްފާތައް ލިބުމުގައި މިހާރު ހޭދަވާ ގަޑިއިރުތައް ނުވަތަ ދުވަސްތަކުގެ ފަރަގު މަދު ސިކުންތުކޮޅަކަށް މި ސިސްޓަމުން މަދުކުރެއެވެ.

ފައިސާގެ މުއާމަލާތްތައް ފަސޭހަވެގެން ދާނެ (ރިކުއެސްޓް ޓު ޕޭ) 

ފައިސާ ހޯދުމަށް ފޮނުވާލެވޭ ރިކުއެސްޓުތަކާއި ކަސްޓަމަރުންނަށް ފަސޭހައިން އެކްސަސްވެވޭނެ ގޮތަށް އިންޓަނެޓް ބޭންކިންގ އަދި މޯބައިލް ފޯނުގެ ޒަރީއާއިން ވަގުތުން ފޮނުވާލެވޭ ޕޭމަންޓްތަކާއެކު އެތަކެއް ފަސޭހައެއް މިއާއެކު އަންނާނެ އެވެ. ބޭންކިންގެ ފުރިހަމަ ހިދުމަތް ލިބިފައިނުވާ ގިނަ ރަށްތަކެއް ހުރިއިރު މި ސިސްޓަމުން ފަހިކޮށްދޭ ހިދުމަތްތަކުގެ ސަބަބުން، މާލީ މުއާމަލާތްތައް ކުރުމަށް އެއްރަށުން އަނެއް ރަށަށް ކުރާންޖެހޭ ދަތުރުތަކުން އަރައިގަނެވި ރަށުގައި ތިބެ މުއާމަލާތްތައް ނިންމައިލެވެ އެވެ.

އެކައުންޓުގެ ސައްހަކަން ކަށަވަރުކުރުން (އެކައުންޓް ވެރިފިކޭޝަން)

ޕޭމަންޓް ސިސްޓަމާއެކު އެއްބޭންކު އަނެއްބޭންކާ ސިސްޓަމްގެ ތެރެއިން ރައްކާތެރި ގުޅުމެއް (އިންޓައޮޕަރެބެލިޓީ) ގާއިމުކުރެވިގެންދާނެއެވެ. މިއާއެކު، މިހާރު ވަކިވަކި ބޭންކުތަކުން ދެމުންދާ އެކައުންޓް ވެރިފިކޭޝަން ނުވަތަ ކާކުގެ އެކައުންޓެއްކަން ކަށަވަރުކުރުމުގެ ޚިދުމަތް އެއްކުރެވިގެންދާނެއެވެ. މިސާލަކަށް ބޭންކް އޮފް މޯލްޑިވްސް ބޭނުންކުރާ ފަރާތަކުން މޯލްޑިވްސް އިސްލާމިކް ބޭންކުގައި އޮތް އެކައުންޓަކަށް ފައިސާ ޖަމާކުރިޔަސް އެކައުންޓު ނަންބަރު ނުވަތަ އޭލިއަސް ލިޔުމާއެކު، އެއީ ކޮން ފަރާތެއްގެ އެކައުންޓެއްކަން އެނގޭނެއެވެ. މިކަމުގެ ސަބަބުން އޮޅިގެން އެހެން އެކައުންޓަކަށް ފައިސާ ޖަމާވުން މަދުވެގެންދާނެއެވެ.

ކުރިމަގުގައި ހުޅުވިގެންދާނެ ފަހި ފުރުސަތުތައް

މި ނިޒާމު ގާއިމުކޮށް ހިދުމަތައް ހުޅުވާލުމާއެކު މި ސިސްޓަމްގެ ބޭނުން ކޮށްގެން ޒަމާނީ އަދި އީޖާދީ ހިދުމަތްތައް ފަހިކޮށް، ފުޅާކޮށް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމުގެ މަގު ހުޅުވިގެންދާނެ އެވެ. މިގޮތުން، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމުގައްޔާއި ވިޔަފާރި މުއާމަލާތްތަކުގައި ޒަމާނީ ޕޭމަންޓްސް އެޕްފަދަ ވަސީލަތްތައް މެދުވެރިކޮށް ސީމްލެސް ޓްރާންސެކްޝަންތައް ހެދޭނެ ފަދަ ހިދުމަތްތައް ތައާރަފްކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ އިތުރުން، ބޭންކު އެކައުންޓެއް ނެތް ފަރާތްތަކަށް ވެސް ފައިސާގެ މުއާމަލާތް ކުރުމުގެ މަގު ފަހިވެގެންދާނެ އެވެ. އެގޮތުން، ބޭންކެއްގައި އެކައުންޓެއް ނެތްކަމުގައި ވިޔަސް މި ސިސްޓަމް މެދުވެރިކޮށް ސިސްޓަމްގައި ބައިވެރިވާ ފަރާތެއްގެ ޑިޖިޓަލް ވޮލެޓް ނިޒާމު ބޭނުންކޮށްގެން ބޭންކު އެކައުންޓުތަކަށް ވެސް ފައިސާ ފޮނުވައި އަދި އެ ބޭންކުތައް މެދުވެރިކޮށް ފޮނުވާ ފައިސާ ލިބިގަނެ، ވިޔަފާރިތަކަށާއި އެކިއެކި ހިދުމަތްތަކަށް ފައިސާ ދެއްކުން ފަދަ ކަންތައްތައް ފަސޭހަކަމާއެކު ކުރެވޭނެ އެވެ.

ފައިސާދެއްކުމުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އަމާޒާއެކު އެމްއެމްއޭ އިން ފަށާފައިވާ މި ޕްރޮޖެކްޓްގެ ފުރަތަމަ މަރުހަލާ ނިމި ހިދުމަތް ފަށާއިރު މި ސިސްޓަމްގައި ބައިވެރިވެފައިވާ ބޭންކުތަކުގެ ކަސްޓަމަރުންނަށް ސިކުންތުކޮޅެއްގެ ތެރޭގައި އެއްބޭންކުން އަނެއް ބޭންކަށް ފައިސާ ފޮނުވޭނެ އެވެ.

މި ސިސްޓަމްގެ ހިދުމަތް ފަށާއިރު މި ވަގުތު ސިސްޓަމްގައި ބައިވެރިވެ ޓެސްޓުތައް ކުރަމުންދަނީ 3 ބޭންކަކުންނެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އެވެ. ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ބޮޑެތި ބޭންކުތަކުން މި ސިސްޓަމާ ގުޅިފައިވާ އިރު އެހެނިހެން ބޭންކުތަކުން ވެސް އަންނަނީ މި ސިސްޓަމްގައި ބައިވެރިވުމަށް ވާންޖެހޭ ތައްޔާރީތައް ވެ އަވަސް މުއްދަތެއްގެ ތެރޭގައި ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން، މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ޓެސްޓުތައް ހެދުމުގެ މަރުހަލާ އެވެ.

އެޑިޓަރުގެ ނޯޓު


މިއީ އަންނަ ހޮނިހިރު ދުވަހު ތައާރަފް ކުރުމަށް ނިންމާފައިވާ އިންސްޓަންޓް ޕޭމަންޓު ސިސްޓަމްގެ މައުލޫމާތުތައް ހިމެނޭ ގޮތުން މަރުކަޒީ ބޭންކުން ތައްޔާރުކޮށްފައިވާ އެޑްވަޓޯރިއަލް އާޓިކަލެކެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު