ޚަބަރު
ފައިސާ ދޮވުމުގެ ނިޔަތް އޮތްނަމަ އަމިއްލަ އެކައުންޓަކަށް ޖަމާނުކުރާނެ: ޔާމީން
ހައިކޯޓުގައި މުއަދު އޮތް އަޑުއެހުމުގައި ރައީސް ޔާމީން ވާހަކަ ދައްކަވަނީ:
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ޖަމާކޮށްދިން އެއް މިލިއަން ޑޮލަރަކީ ކުށުގެ ފައިސާކަން ނޭނގޭ ކަމަށާއި އެ ފައިސާ ދޮންނަން ނުވަތަ މަނީލޯންޑަކުރަން ވެގެން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ޔާމީން މިއަދު ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވައި އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ ޔާމީން ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުމުގައި މިއަދު ހައި ކޯޓުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ މަނީލޯންޑާ ކުރުމަށް ފައިސާ ޖަމާކުރަމުންދަނީ ސަރުކާރަށް އެކްސަސް ވުމަށް އުނދަގޫ ބޭންކުތައް ހުންނަ ގައުމުތަކުގައި ކަމަށެވެ. ނަމަވެސް ރާއްޖެއަކީ އެފަދަ ގައުމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ.

ރާއްޖޭގައި ކޮންމެ ރައްޔިތެއްގެ ބޭންކް ސްޓޭޓްމެންޓް ފުލުހުންނަށް ހޯދުމުގެ ބާރުއޮތްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ, އެކަން ފުލުހުން ކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންނާއި ކޯޓު އަމުރެއް ނެތި ކަމަށެވެ.

"އެހެންވީމަ ދިވެހިރާއްޖޭގަ މަނީލޯންޑާ ކުރަން ބޭނުންވާ މީހަކު ހަގީގަތުގައި ދިވެހިރާއްޖޭގެ އެކައުންޓަކަށް ފައިސާއެއް ނުލާނެ. ބޭންކަކަށް ފައިސާއެއް ނުލާނެ," ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަ ކުރެއްވި އަނެއް ކަމަކީ ފައިސާގެ އަސްލު އޮޅުވާލުމުގެ ނިޔަތް އޮވެގެން ކަމެއް ކުރާނަމަ، ފައިސާ ޖަމާކުރަމުން ދާނީ އަސްލު ސާފުނުވާ އެކައުންޓްތަކަކަށް ކަމަށެވެ. އަދި އެއީ ރާއްޖޭގެ ބޭންކިން އަދި މާލީ ނިޒާމު ހަރުދަނާކަމުން ލިބޭނެ ފުރުސަތެއް ވެސް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މަނީ ލޯންޑާކުރަން ބޭނުންވާ މީހަކު އަމިއްލަ އެކުންޓަކަށް، އަދި އަމުދުން ރާއްޖޭގައި ހުޅުވާފައި އޮންނަ އެކައުންޓަކަށް ފައިސާ ޖަމާއެއް ނުކުރާނެ،" ޔާމީން ވިދާޅުވި އެވެ. "ބެންކިން ނިޒާމުގެ ތެރެއިން ހިންގާ ކަންކަމުގައި ރާއްޖޭގައި ކޮންސީލެއް ނުކުރެވޭނެ،"

އެމަނިކުފާނުގެ ނުކުތާއަކީ ބޭންކު އެކައުންޓަކަށް 200،000 ރ. އަށް ވުރެ މަތީ އަދަދެއް ޖަމާވެއްޖެނަމަ އެ ކަން އެމްއެމްއޭއަށް އެނގިގެން ބަލާނެ ކަމެވެ. އެހެންކަމުން ރާއްޖޭގައި އެ ކަމަށް ފުރުސަތު ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވާ ގޮތުން އެ ފައިސާއަކީ ސިޔާސީ ހަރަކާތްތައް ހިންގަން އެމަނިކުފާނަށް ދިވެހި ރުފިޔާއިން ލިބިފައިވާ އެކި ފައިސާ މާރުކޮށްގެން ޖަމާކޮށްފައިވާ ފައިސާ އެވެ. ފައިސާ އިންވެސްޓްކުރަން އަމިއްލަ އެކައުންޓަކަށް ޖަމާކުރީ އެއީ ސައްހަ ފައިސާ ކަމަށް ގަބޫލުކުރައްވާތީ ކަމަށް ވިދާޅުވި އެވެ.

"އަދިވެސް އެ ފައިސާ ހުރި ގޮތަށް އެ ހުރީ އެ އެކައުންޓުގައި، ކޮބައިތޯ ކޮންސީލްކުރެވިފައި (ފައިސާގެ އަސްލު އޮޅުވާލާފައި)؟" ޔާމީން ވިދާޅުވި އެވެ.

"އެމީހަކު ތިން ހަތަރު ބޭންކިން އެކައުންޓު ގެންގުޅެންޏާ އެމީހެއްގެ އިހުތިޔާރުގައި އޮތް ކަމެއް ނޫންތޯ އެއީ ބީއެމްއެލްއަށްތޯ ލާނީ، އެމްއައިބީއަށްތޯ ލާނީ، އެޗްއެސްބީސީއަށްތޯ ލާނީ ނޫނީ މޮރިޝަސްއަށްތޯ ލާނީ؟ އެކަމުގައި ކޮބައިތޯ ގާނޫނީ ކުށެއް؟ ކޮބައިތޯ ގާނޫނީ އަސްލެއް މީތި މަނީ ލޯންޑަރިންއަށް ނޫނީ ކޮންސީލް ކުރަން ޖެހޭ،" ޔާމީން ސުވާލު އުފެއްދެވި އެވެ.

އެޗްއެސްބީސީގައި ފައިސާ ހުރުމާ މެދު ޔާމީން މިއަދު ވިދާޅުވީ އެ ބޭންކުގައި ފައިސާ ބެހެއްޓީ، ސިޔާސީ ބޭނުމަށް އެކި ކަހަލަ އެއްޗެހި ގަނެ އަގު ދައްކަން ފަސޭހަ އެކައުންޓަކަށް ވާތީ ކަމަށެވެ. އެޗްއެސްބީސީ ބަންދުކުރަން 2016ގައި ނޯޓިސް އައުމުން، އެތަނުގައި ހުރި ފައިސާ އެހެން ބޭންކަކަށް ލުމަކީ ފޮރުވުމުގެ އަމަލެއް ކަމަށް ނުބުނެވޭނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު