ޚަބަރު
ފުރައްސާރަ ކުރިޔަސް ކެމްޕެއިން ކުރުމުގައި ފަހަތަށް ނުޖެހޭނަން: ފަޒްނާ
މެޑަމް ފަޒްނާ ހިޔާ އަވަށަށް އިއްޔެ ވަޑައިގަތުން -- ފޮޓޯ/ އެމްޑީޕީ
ފުރައްސާރަ އާއި ގޯނާއާ ކުރިމަތިލައްވަން ޖެހިވަޑައިގަތަސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

ހިޔާ ސަރަހައްދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ތަރައްގީކުރެއްވި ހިސާބަކަށް ވުމުން، ޕީޕީއެމްގެ ސަޕޯޓަރުން ނިސްބަތުން ގިނަ އެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީން އެ ސަރަހައްދުގައި މާ ބޮޑު ކެމްޕޭނެއް ވެސް ނުކުރެ އެވެ. ނަމަވެސް ފަޒްނާގެ އެއް އަމާޒަކަށް އިއްޔެ ހެއްދެވީ ހިޔާ ސަރަހައްދެވެ.

ދޮރުން ދޮރަށް ހިންގަވަން އެކަމަނާ އެ ސަރަހައްދަށް ވަޑައިގެންނެވެމުން އިދިކޮޅު ސަޕޯޓަރުން، އެ ސަރަހައްދަށް އެއްވެ އަޑުގަދަ ކުރަމުންދިޔަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. 

ފަޒްނާ ވިދާޅުވީ އެހުތުރު އަމަލުގެ ސަބަބުން ލިބިވަޑައިގެންނެވީ ފައިދާކަމަށެވެ. އެގޮތުން ޝެޑިއުލްގައި ނެތް ފްލެޓްތަކަށް ވަޑައިގަތުމުގެ ދަޢުވަތު ލިބިވަޑައިގެންނެވިކަމަށެވެ. އަދި އެކަމަނާއަށް ފުރައްސާރަކުރަމުން ދިޔަ ވަގުތުގައި ހުޅުމާލެ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ނިޔާޒް ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއަށް ގުޅުއްވިކަމަށެވެ. ޝުޖާއުގެ އިތުރުން ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ވެސް ނިޔާޒް ގުޅުއްވައި، މެސެޖް ކުރެއްވި ކަމަށާއި މުއިއްޒުގެ ޖަވާބެއް ނުލިބުނުކަމަށެވެ.

ފަޒްނާ ވިދާޅުވީ، އާންމުން ނުކުމެ އެކަމަނާއަށް ބާޣީއަށް ގޮވަނީ ކަމަށް ބުނެ، އިދިކޮޅުން އެކަމުން ރެެކެން އުޅުމަކީ ފިނޑި އަމަލެއް ކަމަށެވެ. އަދި ވިދާޅުވީ، އިދިކޮޅުގެ އެ އަމަލުން އެކަމަނާއަށް ލިބިވަޑައިގެންނެވި ގެއްލުމަށް ވުރެ ބޮޑުވީ ފައިދާ ކަމަށެވެ.


"މި ހުތުރު އަމަލުގެ ސަބަބުން އަޅުގަނޑަށް ވީ ފައިދާ. މީހުން އައިސް ސަލާންކޮށް ގައިގައި ފިރުމައި އަޅުގަނޑާ އެކު ފޮޓޯ ނަގަން އެދުނީ. ނުވިތާކަށް އަޅުގަނޑު ދާން ޝެޑިއުލް ކޮށްފައި ނުވާ ފްލެޓްތަކުން ވެސް ދައުވަތު ލިބުނީ. އެހެން ދާއިރާތަކުގައި ދޮރުންދޮރަށް ހިނގުން ނިމުމުން އެފްލެޓްތަކަށް ދާނަން" ފަޒްނާ އަޙްމަދު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
100%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު