ޚަބަރު
ފަޒްނާގެ ކެމްޕެއިން ހަރަކާތަށް ހުރަސް އެޅި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގަތުމުން އެކަމަނާއަށް ހުރަސް އަޅަން ބަޔަކު ކުރި މަސައްކަތް، އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނުން މިއަދު ކުށްވެރިކޮށްފި އެވެ.

ފަޒްނާ އިއްޔެ ހިޔާ އަވަށަށް ވަޑައިގަތީ ރައީސަށް ތާއީދު ހޯއްދަވަން ދޮރުން ދޮރަށް ހިންގެވުމަށެވެ. އެޗްއާރްސީއެމް އިން ބުނީ ފަޒްނާ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން އެ ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތް ކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ. ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ އިސް ފަރާތްތަކުން މިފަދަ ކަންކަމަށް ހިތްވަރު ނުދިނުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ފަޒްނާ އަހުމަދު އިއްޔެގެ ވަގުތެއްގައި ކެމްޕެއިން ހަރަކާތެއްގައި ހުޅުމާލެ ފޭސް ދޭއް ސަރަޙައްދުގެ ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގައި އާންމު ފަރާތްތަކުން ކެމްޕެއިނަށް ހުރަސް އެޅި އެޅުން މި ކޮމިޝަނުގެ ފަރާތުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެޗްއާރްސީއެމުން ބުނެފައިވެ އެވެ. "އިންތިހާބުގައި ތާއީދުު ހޯދުމަށް މަސައްކަތްކުރުމަކީ ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިގެންވާ ގާނޫނީ ހައްގެއް."

ފަޒްނާ ހިޔާ ސަރަހައްދަށް އިއްޔެ ވަޑައިގަތުމުން އެތަނުގައި ބަޔަކު ވަނީ އެކަމަނާއާ ދިމާލަށް ވަރަށް ހުތުރުކޮށް މުހާތަބުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވިދާޅުވީ، އެފަދަ ކަންކަމުން ލިބެނީ ހިތްވަރު ކަމަށާއި ކެމްޕެއިނަށް ވެސް ކުރީ ފައިދާ ކަމަށެވެ.

 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު