
މުއިއްޒު މިހެން ގޮވާލެއްވީ މިއަދު އިލްމުވެރިންނާއި އުސްތާޒުންނާ އެކު މީރުމާ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ބައްދަލުވުމެއްގައެވެ.މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ، އެ ވުޒާރާ ވެގެންދާނީ ރާއްޖޭގެ އަމިއްލަވަންތަކަން އަނބުރާ ހޯދުމަށް މަސައްކަތް ކުރާނެ ވުޒާރާއަކަށް ކަމުގައެވެ. އަދި، މީގެ ކުރިން ދުވަހަކު ވެސް ދިވެހި ބަހާއި އިސްލާމް ދީނާއި ސަގާފަތާ އާދަކާދައަށް އިސްކަން ނުދޭ މިންވަރަށް އެ މަނިކުފާނުގެ ވެރިކަމުގައި އިސްކަން ދޭނެ ކަމަށް ވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.ކެމްޕެއިން ތެރޭ ވެސް ވަކި މާއްދާއެއް ގޮތުގައި ގައުމިއްޔަތު ކިޔަވައިދޭނެކަމަށް ބުނި ވާހަކަ ޑރ. މުއިއްޒު މިއަދު ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ގާތަށް ގޮސް ބޮޑު ކެމްޕެއިނެއް ކޮށް ވެރިކަމަށް އިންތިހާބު ވެވަޑައިގެންނެވީ އެއްވެސް މީހަކަށް ބަދުބަހެއް ރައްދު ނުކުރައްވާ ކަމަށެވެ."އެއްވެސް މީހަކާ ޒާތީނުވަން. އެއްވެސް މީހަކާ ދިމާލަށް އެއްޗެއް ނުބުނަން. ޒާތީ ވާކަށް ނުޖެހޭ. އެކަން ރައްޔިތުން ބަލައިގަތީ ވެސް، އަޅުގަނޑު ބޭނުން ރައްޔިތުންނަކީ ވެސް ޒާތީވުން ދޫކޮށްލައި އެކަކު އަނެކަކާ ދޭތެރޭ ބަދުބަހެއް ވެސް ނުބުނާ ރިވެތި އަހުލާގު އިސްކުރާ ބަޔަކަށް ވާން،" މުއިއްޒު ވިދާޅުވި އެވެ.މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، ކެމްޕެއިންގައި ދެންނެވި ފަދައިން އަދި މެނިފެސްޓޯގައި ވެސް އޮތް ފަދައިން ނެޝަނަލް ރިސާޗް ފަންޑެއް ގާއިމް ކުރައްވާނެ ކަމަށެވެ. މިކަން ކުރާނީ ބަޖެޓުގައި ހިމަނައިގެން ކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ."އެއީ ބޭނުން ދާއިރާއަކުން ރިސާޗު ކުރުމަށް. ހަމައެކަނި ދީނީ ދާއިރާއަކުން ނޫން. އެކި ފަންނުތަކުގައި ދިރާސާކޮށްގެން ރާއްޖެއަށް ބޭނުންވާ މުހިންމު ސޮލިއުޝަންތައް އެކި ކަންކަމުގައި އިލްމީ ގޮތުން ކުރިއަށް ދިއުމުގައި މުޖުތަމައު މުއްސަނދި ކުރުމަށް ފައިސާ ޚަރަދު ކޮށްގެން، މި ފަންޑުން ކުރެވޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.މުއިއްޒު ވިދާޅުވީ، އޭރުން ދީނީ ދާއިރާތަކުންނާއި އަދަބީ ދާއިރާތަކުން އަދި ގައުމިއްޔަތުގެ އެކި ދާއިރާތަކުން ވެސް ރިސާޗު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.އެ މަނިކުފާނު ވިދާޅުވީ، އޭރުން ރައްޔިތުންނަށް އެ ކަންކަން ނިންމަނީ އިލްމީ ބޭފުޅުންގެ އަލީގައި ކަމުގެ ޔަގީންކަން ލިބި، ގައުމަށް އިތުރު ހަމަޖެހުން ލިބިގެން ދާނެ ކަމަށެވެ. ސަރުކާރާ ލާމެހި، އެއް ވިސްނުމެއްގައި އިލްމުވެރިން މި ބީދައިން މަސައްކަތް ކޮށްދިނުމަށް މުއިއްޒު ވަނީ އެދިވަޑައިގަންނަވާފަ އެވެ.