ޚަބަރު
ފުލުހުން އަދަދު ރެއިޑުކުރުން ؛ ސަރުކާރުގެ ސިޔާސީން ދެކޭގޮތް!
އަދަދު ނޫސް ބަލާފާސްކުރަން ފުލުހުން ގޮސް
އޮންލައިން ނޫހެއްކަމަށްވާ "އަދަދު"ގެ އޮފީސް ހިންގަމުން އަންނަ އިމާރާތުގެ ތެރެއަށް ކުއްލިއަކަށް ފުލުހުން ރޭ ވަދެ، ރެއިޑުކޮށް އެ ނޫހުގެ ތަކެތި ބަލައިފާސްކުރި މައްސަލައިގައި މި ސަރުކާރަށް ތާއީދު ކުރައްވާ ސިޔާސީން އެކަމަށް ހިތްވަރު ދެއްވައިފި އެވެ.

އެގޮތުން ފުލުހުން އަދަދު ރެއިޑުކުރި މައްސަލައިގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް "ޒިނޭ" ކުރިކަމުގެ ދޮގު ތުހުމަތުތަކެއް ފެތުރުމާ ގުޅިގެން ނޫސް އިދާރާއެއްގެ ހެޑް އޮފީސް ރެއިޑްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއްގެ އިތުރުން އެ މުއައްސަސާގެ މައްޗަށް އޮތް ވާޖިބެއް ކަމަށެވެ.

"ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކެއް. ނަމަވެސް، މިއީ ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން،" އިހުސާން ވިދާޅުވި އެވެ.

މިނިސްޓަރުގެ ޕޯސްޓުގައި ގާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް ހިމަނާފައިވެއެވެ.

  • ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ: ހިޔާލުފާޅުކުރުމުގެ މިނިވަންކަން (އެއީ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފު ނުވާހާ ހިނދަކު).
  • ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 28 ވަނަ މާއްދާ: ހަބަރުތަކާއި ހިޔާލުތައް ޝާއިޢު ކުރުމުގެ މިނިވަންކަން
  • ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 33 ވަނަ މާއްދާ: ކޮންމެ މީހަކަށްވެސް އެމީހެއްގެ އަބުރާއި އަބުރު ރައްކާތެރިކުރުމުގެ ހައްގު ލިބިގެންވާކަން
މިނިސްޓަރު ވިދާޅުވީ، ގާނޫނީ ހުކޫމަތާއި ރައީސަށް ލިބިދޭ ދުސްތޫރީ ހައްގުތައް ފުލުހުން ނަގަހައްޓާނެ ކަމަށާއި ޒިންމާދާރު މިނިވަންކަމަކީ ޖަވާބުދާރީ ކުރުވުން ކަމަށާއި އެއްވެސް މީހަކީ އަދި މީޑިއާ އަކީ ގާނޫނަށްވުރެ މަތީގައި ހުރި މީހެއް ނުވަތަ ތަނެއް ނޫން ކަމަށެވެ

އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވީ، މިނިވަން ނޫސްވެރިކަމަކީ އޮންނަންޖެހޭ އެއްޗެއް ނަމަވެސް، ދުލާއި ގަލަމުގެ މިނިވަންކަމަކީ ވަކި ހުދޫދެއް އޮންނަންޖެހޭ ކަމެއް ކަމަށެވެ.

"ނޫސްވެރިކަމަކީ މުޤައްދަސް މަސައްކަތެއް. ހަމައެއާއެކު އެއަށް ވުރެ މަތީ އަމުރުފުޅަކުން އިންސާނާގެ އަބުރާ ކަރާމާތަކީ ވެސް މާތްކުރައްވާފައިވާ އެއްޗެއް،" ހީނާ ވިދާޅުވި އެވެ.

ހައުންސިން މިނިސްޓަރު މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނޫސްވެރިކަމަކީ މީހުންގެ އަބުރު ކަތިލައި، އާއިލާތައް ރޫޅައި، ގައުމުގެ ހަމަޖެހުން ނަގާލައިގެން ބަޔަކު އާމްދަނީ ހޯދާ ވިޔަފާރިއަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި އެ ފުރުސަތު ދައުލަތުގެ އިދާރާތަކުން ދީގެންވެސް ނުވާނެ ކަމަށްވެެސް ވަޒީރު ވިދާޅުވެފައި ވެެެއެވެ. 

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަކީ ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވާ، އަދި ހިޔާލު ފާޅުކުރުމުގެ ފުރިހަމަ މިނިވަންކަން ޤާނޫނު އަސާސީގެ ދަށުން ކަށަވަރުކޮށްދީފައިވާ ގައުމެއްކަމަށާއި، މި މިނިވަންކަމުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭކަމަށެވެ.


ޑރ. ޝަހީމް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީގެ އިމުން ބޭރުން މީހުންގެ އަބުރާއި ޢިއްޒަތަށް އަރައިގަނެ ފުރައްސާރަކޮށް ގަނާކުރުމުގެ ނިޒާމަކަށް ބަދަލުވެއްޖެނަމަ މުޖުތަމަޢު ހަލާކުވެގެން ހިނގައިދާނެކަމަށާއި، ނޫސްވެރިކަން ހެޔޮ ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރަންޖެހޭނެކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ބިއުރޯގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި އަހްމަދު ނިހާނު ހުސައިން މަނިކު ވިދާޅުވީ އިނގިރޭސި ފަލްސަަފާވެރިޔާ ޖޯން ސްޓުއަޓް މިލް ވިދާޅުވެފައިވާ ފަދައިން، މިނިވަންކަން އޮންނަަންވާނީ އަނެކުންގެ ހައްގުތަކަށް އިހުތިރާމުގެ މަތީގައި ކަމަަށެވެ. އެ އިހުތިރާމު ނެތިއްޖެނަމަ އަދުލުވެރިކަން ނެތިގެން ހިނގައިދާނެ ކަމުގައިވެސް ނިހާނު ވިދާޅުވި އެވެ.  

އެއް ބަޔަކު މި ކަން ގޯސްކުރަމުން އަންނައިރު ސޯޝަލް މީޑީއާގައި ބައެއް މީހުން ވަނީ އަދަދު ބަންދުކޮށް، އަދަދުގެ ނޫސްވެރިން ހައްޔަރުކުރަން ވެސް ގޮވާލާފަ އެވެ. އަދަދު ނޫހަކީ ސަރުކާރުގެ އެކި ނިންމުންތަކާއި ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅޭގޮތުން ގިނަ ރިޕޯޓުތަކެއް ޝާއިއުކުރަމުންދާ ނޫހެކެވެ.

"އަދަދު" ނޫހުން ރޭ ރިޕޯޓުކޮށްފައިވާ ގޮތުގައި، ފުލުހުން ރޭ ވަނީ ކޯޓު އަމުރަކާއެކު އެ ނޫހުގެ އޮފީހަށް ވަދެފަ އެވެ. އެ އަމުރުގައިވާ ގޮތުން ފުލުހުން ވަދެފައިވަނީ މީހަކު ދިން އިންޓަވިއުއަކަށް ބިނާކޮށް ހަދައިފައިވާ ޑޮކިއުމެންޓްރީއެއްގެ މައްސަލައިގައި ކަމަށް އެ ނޫހުގެ ނޫސްވެރިން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މުއައްސަސާއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދަދު ނޫހުގެ އޮފީސް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރި ކަމަށެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަދަދު ނޫހުގެ ޗީފް އެޑިޓަރު އަދި ސީއީއޯ ހުސައިން ފިޔާޒް މޫސާއާއި މެނޭޖިން އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓާފަ އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު