އެގާރަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ބުޑިސްޓް ފައްޅީގެ މަޝްހޫރު ހާމުދުރަކު ސްރީ ލަންކާއިން ހައްޔަރުކޮށްފި އެވެ.
އުމުރުން 71 އަހަރުގެ ޕައްލެގަމާ ހެމަރަތަނާ ހައްޔަރުކޮށްފައިވަނީ، 2022 ވަނަ އަހަރު 11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގުގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ސިއްހީ ބޭނުމަކަށް ކޮލަމްބޯގެ އަމިއްލަ ހޮސްޕިޓަލަކަށް ގޮސް އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކުއްޖާ ރަހީނުކޮށްގެން ހިފެހެއްޓި ކަމަށް ބުނެ މާރިޗު ހައެއްގައި ނިޓަމްބުވާ ފުލުހުންނަށް ޝަކުވާ ހުށެހުމުން އެކަން ފުލުހުން ބަލަމުންދިޔަ ކަމަށެވެ.މި މައްސަލަ ތަހުގީގު ކުރަމުން ދިޔައިރު، ޖިންސީ ގޯނާގެ ޝިކާރައަކަށްވި އެ ކުއްޖާ ވަނީ މީގެ ކުރިން ހިނގި ޖިންސީ ގޯނާގެ ތަފްސީލުތައް ކިޔާދީފައެވެ. މި މައްސަލައިގައި އަންހެން ކުއްޖާގެ މަންމަގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.ބޭރު ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފައިވާ ހެމަރަތަނާ، އަނޫރާދަޕޫރާގެ ޗީފް މެޖިސްޓްރޭޓްގެ އަމުރަށް ހައްޔަރުކޮށްފައި ވަނީ، އޭނާ ހައްޔަރުކުރުން ލަސްވުމުގެ ޝަކުވާތައް ކުޑަކުދިންގެ ރައްކާތެރިކަމުގެ އިދާރާތަކުން ފާހަގަކުރުމުން ކަމަށް ސްރީލަންކާގެ ޑެއިލީ ނިއުސް އިން ބުނެއެވެ.އެގޮތުން ހެމަރަތަނާ ހައްޔަރުކޮށް "ލަސްނުކޮށް" ކޯޓަށް ހާޒިރުކުރުމަށް ކޯޓުން ފުލުހުންނަށް އަންގާފައިވާ ކަމަށް ބުނެފައިވެ އެވެ.ސްރީ ލަންކާގައި މީގެ ކުރިން ވެސް ދީނީ މީހުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ބައެއް މައްސަލަތައް ފެންމަތިވެފައިވީ ނަމަވެސް، މިއީ މިފަދަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރި އެންމެ މަތީ ފަންތީގެ ފާދިރީ އެވެ.