ޚަބަރު
ނަޝީދަށް ހަމަލާ ދިން މައްސަލައިގެ ޝަރީއަށް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއް
ރައީސް ނަޝީދަށް ހަމަލާ ދިން މައްސައާއި ގުޅުންހުރި އަޑުއެހުންތައް ނިޒާމުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން، މިޙަމަލާގެ ތަޙުޤީޤު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހާއްސަ މަންދޫބު، އައްބާސް ފާއިޒް ފާޅުކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ޕްރޮސެކިއުޓަރު ޖެނެރަލް ހުސައިން ޝަމީމާއެކު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ފާއިޒް ވިދާޅުވީ އެ ހަމަލާއާ ގުޅުން އޮތް ކަމަށް ވާހަކަދެކެވޭ ފަރާތްތަކުގެ ގޮތުގައި، ދައުލަތާއި އިދިކޮޅާއި އެމްއެމްޕީއާރުސީ ކޮރަޕްޝަނުގައި ޝާމިލުވާ ފަރާތްތަކާއި ހަރުކަށި ފިކުރުގެ ގުރޫޕުތައް ހިމެނޭ ކަމަށެވެ. 

"ހަމަލާ ދިން މީހުން ހަމަލާ ދޭން ރާވާފައި ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ލިސްޓު އާންމު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުގެ މާ ކުރީގައި ކަން ވަނީ ހާމަވެފައި،" އައްބާސް ވިދާޅުވި އެވެ.

ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެއްލެވުމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރެއްވި ހާއްސަ މަންދޫބު، އައްބާސް ފާއިޒް ވިދާޅުވީ މައްސަލަ ތަހުގީގުކުރުމަށް، ފުލުހުންނާއި، ސަރުކާރާއި އަދި ޝަރުޢީ ދާޢިރާއިންވެސް ކުރައްވަމުންގެންދަވަނީ ޕްރޮފެޝަނަލް މަސައްކަތްތަކެއްކަމަށެވެ.

ނަމަވެސް މައްސަލައިގެ ތަހުގީގު ލަސްވަމުންދިއުމަކީ އޮތް ކަންބޮޑުވުމެއް ކަަމަށެވެ. މިއީ މައްސަލައިގެ ތަޙުޤީގަށް އެތައް ގޮތަކުން ގޮންޖެހުން ކުރިމަތިވާނެ ކަމެއްގެ ގޮތުގައި އައްބާސް ފާއިޒް ފާހަގަކުރެއްވިއެވެ.

އައްބާސް ވިދާޅުވީ މައްސަލަ ބަލާ ޖަޖުން ބަދަލުވުމާއި، އަދި ކޯޓުގެ ޖާގައާއި ވަސީލަތްތަކުގެ ދަތިކަމުން އަޑުއެހުންތައް ވަރަށް ބޮޑަށް ލަސްވަމުންދާކަމަށެވެ. އަދި މިއީ ޤައުމީ މަސްލަހަތާއި ގުޅުންހުރި މިފަދަ ބޮޑު މައްސަލައަކަށްވާއިރު، މިކަމުގެ ތަހުގީގާއި އަޑުއެހުންތައް މިއަށްވުރެ ފުރިހަމަވާންޖެހޭ ކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ، އަޑުއެހުންތައް އަވަސްކޮށްދެއްވުމަށް ކަމާއި ގުޅުންހުރި އިދާރާތަކުގައި އެދިފައިވާނެ ކަމަށްވެސް އައްބާސް ފާއިޒް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ، މިމައްސަލައިގައި އިތުރު ބައެއްގެ ބަައިވެރިވުން އޮތްކަމަށް މިހާތަނަށް ތަޙުޤީޤަށް ހާމަވެފައި ނެތްކަމަށެވެ.

"މިހާތަނަށް ހޯދުނު ހޯދުންތަކުން، އެއްވެސް އިތުރު މީހެއްގެ ޝާމިލުވުމެއް ނުފެނޭ. އެގޮތަށް ފާހަގަވެއްޖެނަަމަ، ވަގުތުން ތަޙުޤީގު ފަށާނަން." ޝަމީމް ވިދާޅުވިއެވެ.

2021ވަނަ އަހަރު މެއި މަހުގެ 6ވަނަ ދުވަހުގެ ރޭ، ރައީސް ނަޝީދަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެ ކާރަށް އަރާވަޑައިގަންނަވަން ދަނިކޮށް، ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ.

މި މައްސަލައިގައި 8 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން މިހާތަނަށް ދަޢުވާކޮށްފައިވަނީ ދެ މީހުންނަށެވެ. އެއީ ރިމޯޓް ބޭނުންކޮށްގެން ބޮން ގޮއްވާލި އަހުމަދު އަދުހަމާއި އިތުރު ތުޙުމަތުތަކެއްގައި ހައްޔަރު ކުރި އަބްދުﷲ އަލީގެ މައްޗަށް އެކަންޏެވެ. އެހެންމީހުންގެ އަޑުއެހުންތައް ގަވާއިދުން ކުރިއަށްނުގެންދެވި ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ.  

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު