2021 ވަނަ އަހަރުގެ މޭމަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅުން އޮތްކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލީ މަނިކުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެއްޖެއެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން އޭނާ ހައްޔަރުކުރިނަމަވެސް، އަލީ މަނިކުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އަލި މަނިކުގެ މި މައްސަލައިގައި ހައްޔަރުކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށްވެސް ވަނީ އެ ދައުވާ އުފުލާފައެވެ.
މި ދެ މީޙުންގެ އަލީ މަނިކުގެ މައްޗަށް އުފުލި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ވަނީ ސާބިތުވެފައެވެ. އެ ދައުވާ ސާބިތުވެގެން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވިނަމަވެސް މި މައްސަލާގައި އޭނާ ބަންދުގައި ހުންނަތާ ދެ އަހަރާއި ދެ މަހާއި އެއް ދުވަސް ހޭދަވެފައިވުމުން ޖަލު ހުކުމުން ތަންފީޒު ކުރަން ޖެހޭނީ ދެ އަހަރާއި ނުވަ މަހާއި 29 ދުވަހުގެ މުއްދަތެކެވެ.
މި މައްސަލައިގައި ދައުވާކުރި ހއ. ހޯރަފުށި، އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ތަސްލީމްގެ މައްސަލައިގައި އިއްވާފައިވާ ހުކުމްގައި ބުނީ ގާނޫނުގައި ދައުވާ ސާބިތުކުރުމަށް ވަކި ބާވަތްތަކެއްގެ ހެކި ބަޔާންކޮށްފައިވާ އިރު އެއިން މަދުވެގެން ހަތަރު ބާވަތުގެ ހެކި ހަމަވާން ޖެހޭ ކަމަށެވެ. އަދި ތަސްލީމުގެ މައްޗަށް ކުށް ސާބިނުވާކަމަށް ކަނޑައެޅީ މަދުވެގެން ހަތަރު ބާވަތުގެ ހެކި ނެތުމުންކަމަށް ހުކުމްގައިވެއެވެ.
އަލީ މަނިކުގެ މައްޗަށް އުފުލި ދައުވާގެ ކުށް ސާބިތުކުރުމަށް ހަމަވާންޖެހޭ މިންވަރު ހެކީގެ ބާވަތްތައް ހަމަވާކަމަށް ހުކުމްގައިވެއެވެ. އަލި މަނިކަކީ 2007 ވަނަ އަހަރު އއ. ހިމަންދޫގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުން ފިލިވެސް މީހެކެވެ.