ޚަބަރު
ދިވެހިން ސީރިއާއަށް ދަތުރުުކުރުން ހުއްދަކޮށްފި
ތުރުކީގައި ހުރި ސީރިއާގެ ރެފިއުޖީން ތިބޭ ކޭމްޕެއްގެ ތެރޭގައި އަންހެނަކު
ރާއްޖޭން ގަބޫލުކުރާ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ސީރިއާގެ ވެރިކަންކުރާ ޖަމާއަތް ކަމަށްވާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތުގެ ނަން އުނިކޮށް، ރާއްޖޭން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖާކޮށް، ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިއުލާން ކުރައްވަން ޖެހެ އެވެ.

ސީރިއާގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓާލުމަށްފަހު ޑިސެމްބަރު، 2024 ގައި ވެރިކަމާ ހަވާލުވި އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު، 2019 އިން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގައި އޮތް ޖަމާއަތެކެވެ. އަދި އެ ލިސްޓް ޑިސެމްބަރު، 2024 ގައި އެންމެފަހުން ނެރުނުއިރު ވެސް އެޗްޓީއެސް ޖަމާއަތް ހިމެނޭހެން 20 ޖަމާއަތެއް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އޮތެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުު ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފަ އެވެ. 

މީގެ އިތުރުން ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން ވެސް އެ ލިސްޓުން ވަނީ ނިމުމަކަށް ގެނެސްފަ އެވެ. 

އެނގިފައިވާ ގޮތުގައި އެގޮތަށް ހަމަޖެއްސީ ވަރަށް ގިނަ ގައުމުތަކުން އެޗްޓީއެސް ޖަމާއަތް ޓެރަރިސްޓުން ލިސްޓުން ނަގައި، ބަލައިގަންނަމުންދާތީ އެވެ.  އެޗްޓީއެސް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.

އެޗްޓީއެސްގެ ވެރިޔާ އަދި ސީރިއާގެ މިހާރު ރައީސް އަހްމަދު އައްޝަރާއާ ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ވެސް ކުރެއްވި އެވެ.

ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓުން ސީރިއާ އުނިކުރުމުން ދިވެހިންނަށް ސީރިއާއަށް ދިއުން ދެން ހުއްދަވާނެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު