
ނަޝީދު ވަކިކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދާ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނީ ހަމަ އެކަނި ނައިބު ރައީސް އީވާއަށް ކަމަށް މަޖިލީހުގެ އިދާރާއިން މާނަކުރާތީ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން މިއަދު ނިންމީ އެ ޕާޓީއާ އެއްކޮޅަށެވެ.އެހެން ނަމަވެސް އެ ހުކުމުގައިވާ ގޮތުން ނަޝީދު ވަކިކުރުމުގެ މައްސަލަ ނުނިމި އޮތަސް ގާނޫނު އަސާސީން ލާޒިމުކުރާ އެހެން ކަންތައްތައް މަޖިލީހުގައި ކުރެވޭނެ އެވެ. އާ ރައީސް ހުވާކުރައްވާ ޖަލްސާ އަކީ އެފަދަ ކަމެކެވެ."ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް އެޖެންޑާކުރެވޭ ގަރާރު ހުށަހަަޅައި ބަހުސްކުރުމަށް ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަން ޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި ގާނޫނުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ދަށުން ލާޒިމުކުރާ އެހެން ކަންކަން ކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަން،" ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.މިއަދު ސުޕްރީމް ކޯޓުން އިތުރަށް ހުކުމްކޮށްފައިވަނީ، މަޖިލީހުގެ އިދާރާއިން ނަޝީދުގެ އިތުބާރު ނެތް މައްސަލަ ހުއްޓުވީ ގާނޫނާ ހިލާފަށް ކަމަށެވެ. "ގާނޫނުއަސާސީން ކުރުން ލާޒިމްވާ ކަމެއް ކުރުމަށް މަޖިލީހުގެ ގަވައިދުގައިވާ އެއްވެސް މާއްދާއަކުން ހުރަހެއް ނޭޅޭނެ. ދައުލަތުގެ އެއްވެސް އޮފިޝަލަކަށް އެކަމަށް ހުރަހެއް ނޭޅޭނެ. އަދި ބަޖެޓް ހުށަހެޅުމާއި ވަޒީރުންނަށް ރުހުން ދިނުން ހުއްޓިގެން ނުވާނެ. ސަބަބަކީ މިއީ ސީދާ ގާނޫނުއަސާސީން ވަކި މާއްދާތަކަކުން ލާޒިމްވެގެން މަޖިލީހުން ކުރުން ލާޒިމްވާ ކަންތައްތަކަށްވާތީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.ފަނޑިޔާރު މަހާޒާއި ފަނޑިޔާރު ސުއޫދު ބަޔާން ކުރެއްވި ކަންކަމަށް ބެންޗުގައި ދެން ތިއްބެވި ތިން ފަނޑިޔާރުން ވެސް ތާއިދު ކުރެއްވި އެވެ. ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުން މި މައްސަލާގައި ނިންމާފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނެތް ހާލަތުގައި ވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެއާ ހިލާފަށް މަޖިލީހުގެ އަމީންއާންމު ނިންމެވި ނިންމެވުމަކީ ގާނޫނުއަސާސީއާ ހިލާފަށް ނިންމަވާފައިވާ ނިންމުމެއް ކަމަށެވެ.އިންތިހާބީ ރައީސް ޑރ. މުއިއްޒު ހުވާ ކުރައްވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17, ގަ އެވެ. އެ ޖަލްސާގެ ތައްޔާރީތައް މަޖިލިސް އިދާރާއިން އަންނަނީ ވަމުންނެވެ. އޭގެ އިތުރުން, އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓަރީ ބަޖެޓު ވެސް އޮތީ މަޖިލިސް ކޯޅުމުގެ ތެރޭގައި ހުއްޓިފަ އެވެ.