ޚަބަރު
ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެންފި
ކުރީގެ ރައީސް ޔާމީން
ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.

އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހަންމަދު ޖަމީލް އަހުމަދު ޗެނަލް 13 ގައި މިރޭ ވިދާޅުވީ މިއީ ޔާމީނަށް ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ.

"އެކަމަކު އަޅުގަނޑު ކަށަވަރުކޮށްދޭން ބޭނުންވޭ ވެރިކަމަށް ހޮވި ވަޑައިގަތް ފަހުން ޑރ. [މުހަންމަދު] މުއިއްޒު ރައީސް ޔާމީންގެ ފޯނެއް ނުނަންގަވާ. އަދި ލީޑާޝިޕުން ވަނީ ރައީސް ޔާމީނާ ދުރަށް ވަޑައިގެންފައި. ރައީސް ޔާމީނާ މަޝްވަރާއެއް ނުކުރައްވާ. އެ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މިއަދު ރައިސް ޔާމީން އެ ޕާޓީގައި ހުންނަވައިގެން ރައީސް ޔާމީނާ މަޝްވަރާ ކުރައްވައިގެން ޕާޓީ ހިންގަން ބޭނުމެއް ނުވޭ،" ޖަމީލް ވިދާޅުވި އެވެ.

"ޑރ. މުއިއްޒާއި ޕީޕީއެމްގެ ލީޑާޝިޕް ވެސް ރައީސް ޔާމީނަށް ވަރަށް ބޮޑަށް ބޭވަފާތެރިވެއްޖެ."

މީގެ އިތުރުން ޑރ. ޖަމީލް ވިދާޅުވީ މިއަދު ޕީޕީއެމް އޮތީ ވަކި ވަޔަކު ހައިޖެކްކޮށްފައިކަމަށެވެ. މި ވެރިކަމަކީ ކޯލިޝަނަކުން އައި ވެރިކަމެއް ނަމަވެސް ސަރުކާރު އެކުލަވާލީ ވެސް ޔާމީންއާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށްވެސް ޖަމީލު ވިދާޅުވި އެވެ. އެގޮތުން ވެރިކަން ގެންނަން މަސައްކަތް ކުރި ޕީޕީއެމްގެ މަދު ބަޔަކު ފިޔަވާ ސަރުކާރު ތެރޭގައި ތިބީ މުޅިން ވެސް ބޭރުން އެކި ދިމަދިމާލުން އައިސްފައިވާ ބޭފުޅުންތަކެއް ކަމަށްވެސް ވިދާޅުވި އެވެ.

"މިއީ ފަހަރެއްގައި ވެސް ވަކި މީހެއްގެ ޖާހަތާއި އިއްޒަތް ބޮޑުކުރަން ގެނައި ވެރިކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން ޖަމީލު ވަނީ މި ސަރުކާރުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ އާއިލާގެ ގިނަ ބޭފުޅުންތަކަކަށް މަގާމުތައް ދެއްވާފައިވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެއީ އެކަން ހިނގަންޖެހޭ ގޮތް ކަމަށް ޕީޕީއެމްގެ މެމްބަރުން ނުދެކޭ ކަމަށް ވިދާޅުވި އެވެ.

އާ ސިޔާސީ ޕާޓީއެއް ޔާމީން އުފައްދަވަނީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށާއި އެކަމުގެ މަސައްކަތް މިހާރު ވެސް ފެށިގެން ކުރިއަށްދާ ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޔާމީން އަދިވެސް ހުންނެވީ އެގާރަ އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ހުކުމުގައި ހުންނެވި ނަމަވެސް ހުކުމް ތަންފީޒުކުރައްވަނީ ރަށު ބަންދެއްގަ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބުން ނާކާމިޔާބުވި ފަހުން ޔާމީން ފުރަތަމަ ގޭބަންދަށް ބަދަލުކުރި އެވެ. އެއަށް ފަހު މާލޭ ސަރަހައްދުގެ ތަންތަނަށް ވަޑައިގަނެވޭ ގޮތަށް އިތުރު ލުއިތަކެއް ދިނެވެ.

ޔާމީން މިނިވަން ކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ.


ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު