ޚަބަރު
ލަމްހާ ގެއިން ނެރެ އަލުން ޖަލުގައި ބަންދުކުރަން އަމުރުކޮށްފި
ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ ދައުވާލިބޭ ހަލީމަތު ލަމްހާ
ސަރުކާރުގެ މައި ހޮސްޕިޓަލު އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕިންސް ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ބަންދު ކޮށްފައިވާ ހަލީމަތު ލަމްހާ ތިން މަސް ދުވަހުގެ މުއްދަތަށް ބަންދުން ދޫކޮށްލަން ނިންމި ނިންމުން ބާތިލުކޮށް އަލުން ބަންދަށް ގެންދަން ހައިކޯޓުން މިއަދު އަމުރު ކޮށްފި އެވެ.

އޮކްޓޫބަރު، 2021 ގައި މޭރީ މަރާލި މައްސަލާގައި އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މައްސަލާގައި ގިނަ ދުވަސްތަކެއް ވަންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ މަހު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ ޝަރުތުތަކާ އެކު އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ލަމްހާ ބަންދުކުރަން ކުރިން ނިންމި ހާލަތު ބަދަލުވި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން އެނގެން ނެތް ކަމަށެވެ. އަދި ކޯޓުގެ ޖާގަ އާއި ވަސީލަތްތަކުގެ ސަބަބުންނާއި ހެކިން ގިނަވުމުގެ ސަބަބުން މައްސަލަ ލަސްވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏަސް، އަވަސް ޝަރީއަތެއް ލިބުމުގެ ހައްގު ގެއްލިފައިވާ ކަމަށް ކޯޓުން ބެލި ގޮތެއް އެނގެން ނެތް ކަމަށް ހުކުމުގައިވެ އެވެ.

އަދި ލަމްހާ އަކީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ޖެހޭ މީހެއް ކަމަށް ކްރިމިނަލް ކޯޓުން ކުރީން ކޮށްފައިވާ އަމުރު އެ ގޮތުގައި ދަމަހައްޓާ ކަމަށް ހުކުމް ގައި ވެއެވެ. ކޯޓުން ބުނީ އޭނާ ބަންދުގައި ބަހައްޓަން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. 

"ލަމްހާގެ ބަންދަށް ލުއި ދިނުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުމަކީ ގަބޫލު ކުރެވޭ ހަމައަކުން ވަޒަން ކުރެވި ސަބަބު ބަޔާން ކުރެވިފައި އޮތް ނިންމުމެއް ކަން އެނގެން ނެތް ކަމެވެ." ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު އާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ޝަނީޒެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަފީއު އެވެ.


ކިޔުންތެރިންގެ ޝުއޫރު
100%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު