ޚަބަރު
ސިނަމާލެ ބްރިޖް މަރާމާތުކުރުމުގައި ސޯލިހު ސަރުކާރުންވަނީ އިހުމާލުވެފައި: ފަހުމީ
މިހާތަނަށް ބެލި ބެލުމުން ސިނަމަލޭ ބްރިޖްގެ މެއިންޓަނަންސްގައި ނިމިދިޔަ ސަރުކާރުން ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ފަހުމީ މިހެން ވިދާޅުވީ ބްރިޖް ދޮރާށީގެ ލައިޓްތައް ނިވި ބައެއް ތަންތަން މުޅީން ދަބަރަށް ވެފައި ވަނިކޮށް އަލުން ކުރީގެ ހާލަތަށް ގެނައުމަށް ސްޓެލްކޯ އިން ކުރިއަށް ގެންދިޔަ އެސެސްމަންޓްގެ މައުލޫމާތު ހާމަ ކޮށް ކުރެއްވި ޕޯސްޓެއް ގައެވެ.
ފަހުމީ ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ، މިދިޔަ ސަރުކާރުން ބްރިޖު މަރާމާތު ކުރުމުގައި ވަރަށް ބޮޑަށް އިހުމާލުވެފައިވާތީ ބްރިޖަށް އަރާ ސަރަހައްދުގައި ހުންނަ މޮނިއުމެންޓްގެ ނަން ބޯޑާއި ލައިޓްތައް ހަލާކުވެފައިވާކަމަށް ވިދާޅުވެފަ އެވެ.

ބްރިޖްގެ ބައެއް ބަންދުކޮށްގެން ކުރިއަށް ގެންދިޔަ އެސެސްމަންޓަށް ފަހު ފަހުމީ ވިދާޅުވި ގޮތުގައި ބްރިޖް ދޮރާށީގެ ހަތް ޔުނިޓް ވަނީ ހަލާކުވެފައެވެ. ބޭނުން ކުރެވޭ ހާލަތުގައި ހުރީ ތިން ޔުނިޓެވެ. ގިނަ އަކުރުތަކުގެ އެލްއީޑީ ވަނީ އަނދާ ފައެވެ. ބައެއް ތަންތަން ވަނީ ދަބަރަށް ވެފަ އެވެ.

ފަހްމީ ސިފަ ކުރެއްވި ގޮތުގައި ބްރިޖް ދޮރާށި ބެލެހެއްޓުމުގައި އިހުމާލުވެ ކުރީ ސަރުކާރުން ވަނީ ބްރިޖް ނަން ބޯޑާއި ލައިޓްތައް ފަނާކޮށްލާފަ އެވެ.

ސިނަމާލެ ބްރިޖަކީ ގައުމީ ތަރައްގީ ގައި ހޯދިފައިވާ އާދަޔާ ހިލާފު ބޮޑު ކާމިޔާބެއްކަން ފާހަގަކޮށް އެއީ އުމުރު ދުވަހަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭ ތަނެއް ކަމަށް ވިދާޅުވި އެވެ. އަދި ރައީސް މުއިއްޒުގެ ވެރިކަމުގައި އެފަދަ ތަންތަން ރަނގަޅަށް ބަލަހައްޓާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ. 

މާލެ އާއި ހުޅުމާލެ އަދި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖަކީ ރާއްޖޭގައި މިހާތަނަށް ކުރެވުނު އެންމެ ބޮޑު އުމްރާނީ މަސައްކަތެވެ. ގާތްގަނޑަކަށް ދެ ކިލޯމީޓަރުގެ މި ބްރިޖްގެ ސަބަބުން ދިވެހީންގެ ދިރުއުޅުމުގެ އާދަކާދަތަކާއި ވައްޓަފާޅިއަށް ވަނީ އިންގިލާބީ ބަދަލެއް ގެނެސްދީފައެވެ.

އަދި މިއީ ދިވެހިރާއްޖެގެ އިޤްތިސާދު ކުރިއަރުވަން ލިބުނު ބޮޑު ބާރަކަށް ވަނީ ވެފައެވެ. ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވިއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރި އެވެ.

ސިނަމާލެ ބުރިޖުގެ މަސައްކަތް ނިންމާ އެ ތަން އާންމުންނަށް ހުޅުވާލާފައިވަނީ ސެޕްޓެމްބަރު 7، 2018 އިގަ އެވެ.

 

ކިޔުންތެރިންގެ ޝުއޫރު
50%
50%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު