ގެއްލުނު ކަނޑުގެ ސަރަހައްދު ހޯދަން ބޭރުގެ ދެ އެކްސްޕާޓުންނާ ހަވާލުކޮށްފި
މަރިޔަމް އަނާ
02 ޖެނުއަރީ 2024 - 14:31
0 comments
ޗާގޯސް އައިލެންޑްސް -- ފޮޓޯ:ގެޓީ
ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުން ބަދަލުކުރުމަށް އިސްތިއުނާފަށް ހުށަހެޅުމަށްޓަކައި ބޭރުގެ އެކްސްޕާޓުންނާ ހަވާލުކޮށްފައިވާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބޭރުގެ ތަޖުރިބާކާރުންތަކެއް އައިޑެންޓިފައި ކޮށް އެ ފަރާތްތަކާ މަސައްކަތް ހަވާލު ކޮށްފައިވާ ކަމަށެވެ.އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލަކާއި މޯލްޓާގެ ލޯ އޮފް ދަ ސީގެ ޕްރޮފެސަރަކާ ކަމަށް ނާޒިމް ވިދާޅުވި އެވެ.މޯލްޓާގެ ޕްރޮފެސަރު ރާއްޖެ ވަޑައިގެން މި މަހު މެދު ތެރޭގައި ކެބިނެޓަށް ރިޕޯޓު ހުށަހަޅުއްވާނެ ކަމަށާއި ޔޫކޭގެ ރިޕޯޓު އަންނަ މަހު ކެބިނެޓަށް ލިބޭނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ."އެކްސްޕާޓުންގެ ރިޕޯޓުތަކަށް ބަލައި ތައްޔާރު ކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީގެ ފަހު ކޮޅު ކެބިނެޓަށް ހުށަހެޅިގެން ދާނެ،" ނާޒިމް ވިދާޅުވި އެވެ.އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު އޮގަސްޓު 22، 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ހިމެނޭ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. އެ ބަޔާނާއެކު ސަރުކާރުން ވަނީ އެ ސިޓީ އާންމުކޮށްފައެވެ.އެ ސިޓީއާ ގުޅޭގޮތުން ޞާލިޙް މީގެ ކުރިން ވިދާޅުވެފައިވަނީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ ޗާގޯސްގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ރާއްޖެއިން ބަލައިގެންކަން ކަމަށެވެ. އެއީ، އިމުގެ މައްސަލައާ ގުޅިގެން ފޮނުއްވި ސިޓީއެއް ނޫން ކަމަށާއި މިއީ ދެ މައްސަލައެއް ކަމަށް ވެސް އެ މަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.މޮރިޝަސް އާއި ރާއްޖޭގެ އިމުން ފުށުއަރާ 92،000 އަކަކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދުން ރާއްޖެއަށް ޖުމްލަ 47،232 އަކަކިލޯމީޓަރު ލިބުނެވެ. މޮރިޝަސް އަށް ލިބުނީ 45،331 އަކަކިލޯމީޓަރެވެ. މޮރިޝަސް އަށް ލިބުނީ ރާއްޖެއަށް ލިބުނު ކޮންމެ އަކަކިލޯމީޓަރަކަށް 0.960 އަކަކިލޯމީޓަރެވެ.ރާއްޖެއަށް ބޮޑު ބައި ލިބުނު ކަމަށް ބުނެ ކާމިޔާބީއެއްގެ ގޮތުގައި އޭރުގެ ސަރުކާރުން އުފާފާޅުކުރަމުން ދިޔަ އިރު، އޭރުގެ އިދިކޮޅުން ބުނަމުން ދިޔައީ އެ މައްސަލާގައި ރާއްޖޭން ވަކާލާތުކުރީ ގޯސްކޮށް ކަމަށާއި ބޮޑު ބައި ހަގީގަތުގައި ލިބުނީ މޮރިޝަސްއަށް ކަމަށެވެ.ރައީސް މުއިއްޒު ސަރުކާރުން ނިމުނު މަހު ވަނީ ގެއްލުނު ކަނޑުގެ ސަރައްހައްދު ހޯދުމަށް ހާއްސަ ކޮމިޓީ އެއް ވެސް އެކުލަވާލައްވާ ފައެވެ. އެ ކޮމިޓީގައި ހިމެނޭ ބޭފުޅުންނަކީ:- ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ބަންޑާރަ ނައިބުކަން ކުރެއްވި މުހައްމަދު އަނިލް
- ޑިފެންސް މިނިސްޓްރީގެ ފަރާތުން އަހުމަދު މުޖުތަބާ
- ފޮރިން މިނިސްޓްރީގެ ފަރާތުން ސެކްރެޓަރީ މަލްޓިލެޓެރަލް އަހްމަދު ޝިއާން
ރައީސް އޮފީހުން ބުނީ، އެ ކޮމިޓީ ހިނގަމުންދާނީ އަނިލްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އެ ކޮމިޓީގައި އަނީލް މަސައްކަތް ކޮށްދެއްވާނީ އެއްވެސް އަގެއް ނުނަންގަވާ ކަމަށް ވެސް ބުންޏެވެ.ސަރުކާރާ ހަވާލުވުމާ އެކު، ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ވެސް ގެއްލުނު ކަނޑުގެ ބައި ހޯދުމުގެ މަސައްކަތް ވަނީ ހިމަނާފަ އެވެ.
ކިޔުންތެރިންގެ ޝުއޫރު