
ބަންޑާރަ ނައިބު. އަހުމަދު އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ސަރުކާރުގައި ތިބި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހޯދަން އެދިފައިވާ މައްސަލަ އަނބުރާ ނަގަން މިމަހު 3، ގައި އެ އޮފީހުން އެދިފައި ވާނެ ކަމަށެވެ."މި މައްސަލައިގައި ދައުލަތުގެ ފަރާތުން 2 ފެބްރުއަރީގައި ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު އަނބުރާ ނެގުމަށް އެދި އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފެބްރުއަރީ 3، ގައި ވާނީ ހައިކޯޓަށް ހުށަހަޅާފައި، އަދި މި މައުލޫމާތު ހޯދުމަށް އެދުނު ފަރާތަށް އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމާ އެއްގޮތަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތު ރައީސް އޮފީހުން ފޯރުކޮށްދޭނެ،" އުޝާމްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.ސިޔާސީ މުވައްޒަފުންނާ ގުޅޭ ގޮތުން ހާމަކުރަން އެދިފައިވާ މައުލޫމާތުގެ ތެރޭގައި ހިމެނެނީ އެ މީހުންގެ ނަންތަކާއި، އެޑުރެހުގެ އިތުރުން ވަޒީފާ އަދާކުރާ މަގާމާއި ތަނުގެ އިތުރުން، މުސާރައިގެ މައުލޫމާތެވެ.މި ސަރުކާރުން ވަކިކުރި ކަމަށް ބުނާ 248 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން ދެކޮޅު ހަދައި، އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން އެ މައްސަލަ މީގެ ކުރިން އޮތީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.އެއީ ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އެޅި މާލީ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ސިޔާސީ މުވައްޒަފުންނެވެ.އެ މުވައްޒަފުން ވަކިކުރުމުން ދައުލަތުގެ ބަޖެޓުން މަހަކު 5.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ މީގެ ކުރިން ވިދާޅުވެފައެވެ.އެ މައުލޫމާތުތައް ހޯދަން އެދުމުން ރައީސް އޮފީހުން ފޮނުވި ޖަވާބުގައި ބުނެފައި ވަނީ ވަކިކުރި މުވައްޒަފުންގެ ނަމަކީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ބަޔާންކޮށްފައިވާ ފަދައިން ގާނޫނުއަސާސީގެ 24 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ހައްގުގެ ތެރޭގައި ހިމެނޭ ޒާތީ މައުލޫމާތެއް ކަމަށެވެ. އެހެންވެ، އެއީ ދޫކުރެެވެން ނެތް މައުލޫމާތެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.އެ އޮފީހުން ބުނީ ވަކިކުރި މުވައްޒަފުން މަސައްކަތް ކުރި މިނިސްޓްރީތަކުގެ ނަންތަކާއި މަގާމާއި ވަނަވަރު ހާމަކޮށްފި ނަމަ އެ މީހުންގެ ޒާތީ މައުލޫމާތުތަކެއް ހާމަވެދާނެ ކަމަށެވެ. ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު އެ ފަރާތެއްގެ ރުހުމެއް ނެތި ހާމަނުކުރެވޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާތީ، އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ރައީސް އޮފީހުން ބުންޏެވެ.ސުޕްރީމް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ރައީސް އޮފީހުން މުވައްޒަފުންގެ ނަންތައް ހިފަހައްޓާފައިވާއިރު، މީގެ ކުރިން ބައެއް މިނިސްޓްރީތަކުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ ހުރިހާ ތަފްސީލެއް ހާމަކޮށްފަ އެވެ.