ޚަބަރު
ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފުތަރެއް އެކުލަވާލަނީ
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ރާއްޖޭގައި ޓެކްސީ ހިދުމަތް ދެމުން އަންނަ ޑްރައިވަރުންގެ ޤައުމީ ދަފުތަރެއް އެކުލަވައިލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ޓެކްސީ ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވާލުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މި އަހަރު އެ މަސައްކަތް ފަށައި ކުރިއަށް ގެންދިއުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފަ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ އެ ނިންމުން ނިންމާފައި ވަނީ މިދިޔަ އަހަރުގެ ފަހު ކެބިނެޓް ބައްދަލުވުމުގައި ކަމަށެވެ.

ނާޒިމް ވިދާޅުވީ ޓެކްސީ ދަފްތަރުގައި ރާއްޖޭގައި ޓެކްސީގެ ހިދުމަތްދޭ ހުރިހާ މީހުންގެ މައުލޫމާތު ހިމެނޭނެ ކަމަށެވެ.

"ހާއްސަކޮށް ރަސްމާލެ ޑިވެލޮޕްވަމުން އަންނައިރު އެތަނަކީ އީކޯ ސިޓިއެއްގެ ގޮތުގައި ރައީސް ނިންމަވާފައިވުމާއެކު އެތަނަށް ބޭނުންވާ ޓެކްސީ ފަދަ ހިދުމަތްތަކަކީ ތިމާވެއްޓާ ރައްޓެހި ޓެކްސީތަކަކަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށާއި އެކަމާ ގުޅިގެން އެކުލަވާލާންޖެހޭ ކަރުދާސްތައް އެކުލަވާލަން ވަނީ ނިންމަވާފައި. މަޝްވަރާކުރާއިރު ޝާމިލުވާ ހުރިހާ ފަރާތްތަކާއެކު ހާއްސަކޮށް ޑްރައިވަރުންނާ ރަނގަޅަށް މަޝްވަރާ ކުރެވި އެއްވެސް ފަރާތެއްގެ ހައްގު ނުގެއްލޭކަން ކަށަވަރުކުރުމަށް ރައީސް ވަނީ އަންގަވާފައި،" ނާޒިމް ވިދާޅުވި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހުށަހެޅި އެ ކަރުދާހުގެ އެންމެ ބޮޑު މަގުސަދަކީ ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލޯނުތަކަށް އެދުމުން އާމްދަނީ ލިބެމުންދާ ގޮތް މުއައްސަސާތަކަށް ހުށަހެޅުން ފަދަ ކަންކަމަކީ އެފަދަ މަސައްކަތް ކުރާ މީހުންނަށް ދަތިވެފައިވާ ކަންކަން. ޓެކްސީ ޑްރައިވަރުންނަކީ ވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދުމަށް މި ކުރެވޭ މަސައްކަތުގެ ތެރެއިން އެ ބޭފުޅުންގެ [ޓެކްސީ ޑްރައިވަރުން] ދަފްތަރު އެކުލަވާލުމަށް ހުށަހެޅީ."

ރަސްމާލޭގައި ތިމާވެއްޓާ ރައްޓެހި ޓެކްސީ ނިޒާމެއް ގާއިމުކުރާއިރު އެ އިންވެސްޓްމަންޓާ ގުޅޭ ކަންކަން ސަރުކާރުގެ ކުންފުނިތަކަކުން ނުވަތަ ކުންފުންޏަކުން ހަވާލުވެގެން ކުރިއަށްގެންދެވޭނެ ނިޒާމެއް ރާވައި ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލަށް ރައީސް އަންގަވާފައިވާކަން ވެސް ނާޒިމް ފާހަގަކުރެއްވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް މިއަހަރު ތެރޭގައި ކުރުމަށް ރައީސް ވަނީ އަންގަވާފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު