ޚަބަރު
ކްރިމިނަލް ކޯޓަށް ހައްލެއް ބޭނުން: އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން
ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ އެ ކޯޓުގެ ޝަރީއަތްތައް ހުއްޓި، މާލޭ ސަރަހައްދުގެ ޖިނާއީ ހުރިހާ މައްސަލަތަކެއް ހުއްޓިފައި އޮތުމުން ކަންބޮޑުވުން ފާޅު ކުރައްވައި އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އުއްތަމަ ފަނޑިޔާރު، އަހުމަދު މުއުތަސިމް އަދުނާން ރޭ ގޮވާލައިފި އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، "ޤަޟާއީ އަހަރު 2024" އިފްތިތާޙުކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ޤަޟާއީ އަހަރު އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. 

މުއުތަސިމްގެ ވާހަކަފުޅުގައި، ފާއިތުވި އަހަރު އެކަނި ވެސް ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށަހަޅާފައިވާކަން ފާހަގަކުރެއްވި އެވެ.

"ނަމަވެސް، ހިތާމައާ އެކު ފާހަގަކުރާ ކަމަކީ، އެ ކޯޓު ހިންގަމުން އަންނަ އިމާރާތް ބާވެ، މީހުން ހާޒިރުކޮށް، މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ، ކްރިމިނަލް ކޯޓުގެ މަސައްކަތްތަކާއި އެ ކޯޓުގެ ޝަރީއަތްތައް ހުއްޓިފައިވާކަން،" އެމަނިކުފާނު ވިދާޅުވި އެވެ.

"މި ކަމަކީ ޖިނާއީ އަދުލުގެ ނިޒާމު ހުއްޓި، އޭގެ ސަބަބުން މުޖުތަމައުއަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް."

ކްރިމިނަލް ކޯޓުގެ އިތުރުން ވެސް މިދިޔަ އަހަރަކީ ޝަރުއީ ދާއިރާއަށް ބޭނުންވާ އުމްރާނީ ތަރައްގީ ހީނަރުވެ ޖާގައިގެ ދަތިކަމާ ކުރިމަތިލާން ޖެހުނު އަހަރެއް ކަމަށް މުއުތަސިމް ވިދާޅުވި އެވެ. އެގޮތުން ވާރޭ ވެހުމުގެ ސަބަބުން ފެމިލީ ކޯޓާއި ޑްރަގު ކޯޓުގެ އިތުރުން ވެސް ބައެއް މެޖިސްޓުރޭޓު ކޯޓުތަކުގެ އިމާރާތްތަކަށާއި ވަސީލަތްތަކަށް ގެއްލުން ލިބުނުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

އޭގެ ތެރެއިން ފެމިލީ ކޯޓަށް ލިބުނު ގެއްލުންތައް ވަޒަންކޮށް ޑިޕާޓުމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަންނަވައިގެން އެތަން މަރާމާތު ކުރުމުގެ މަސައްކަތް މިދިޔަ އަހަރު ކޮށްފައިވާ ކަމަށް މުއުތަސިމް ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނު ވިދާޅުވީ، އެކި ގާނޫނުތައް ތަންފީޒުކުރުމަށް ހުރި ދަތިތަކަކީ ކޮބައިކަން ޝަރުއީ ދާއިރާގެ އެހީތެރިކަމާއެކު ދެނެގަންނަން ޖެހޭ ކަމަށާއި ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރެވޭނީ ގާނޫނުތައް އެއްކޮށް މުރާޖާކޮށް އިސްލާހުކޮށްގެން ކަމަށެވެ. ގާނޫނުތައް އިސްލާހު ކުރުމަށް ޝަރުއީ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު