ޚަބަރު
މިނިސްޓަރު އިހުސާނާއި ފުލުހުންގެ ވެރިންތަކެއް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ތުހުމަތުކޮށްފި!
ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގި 119 ކިލޯގެ ޑްރަގް މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ފުލުހުންގެ އިސްވެރިންތަކެއް އަމަލުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތުކުރެވޭ މީހުންތަކެއް ކްރިމިނަލް ކޯޓުން ދޫކޮށްލުމާ ގުޅިގެން ފުލުހުން މި މަހު ހަތަރު ވަނަ ދުވަހު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލައިގައި ވަރަށް ގިނަ ތަފުސީލުތައް ހާމަކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ، ދާހިލީ ސަލާމަތާ ބެހޭ ވަޒީރު އިހުސާނާއި ފުލުހުންގެ ހިދުމަތުގެ ޗީފް ސުޕްރިޓެންޑެންޓް އަޙްމަދު ޝާކިރާއި ޗީފް އިންސްޕެކްޓަރު އަޙްމަދު ވަހީދު އަދި ސަބްއިންސްޕެކްޓަރު މަމްދޫޙް ޙަސަން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުންގެ ސަލާމަތާއި ރައްކާތެރިކަން ގެއްލުވާލައި، ކޯޓު ހުރުމަތް ކެނޑާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖުގައި ވާގޮތުން، އެ މައްސަލައާ މެދު ގޮތެއް ނިންމުމަށް، އަންނަ އާދިއްތަ ދުވަހުގެ 1 ޖަހާއިރަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ ކުއްލި މަޖިލީހެއް މިހާރު ވަނީ ތާވަލުކޮށްފަ އެވެ. 

ކްރިމިނަލް ކޯޓުން މިގޮތަށް ނިންމާފައި ވަނީ 119 ކިލޯގެ ޑްރަގް މައްސަލައިގައި އެކަކު ފިޔަވައި އެހެން އެންމެންގެ މައްޗަށް ކުށް ސާބިތުނުވުމާ ގުޅިގެން އެ މައްސަލަ މުރާޖައާކޮށް ރައްޔިތުންނަށް ހުރިހާ މައުލޫމާތެއް ދިނުމަށް މިނިސްޓަރު އެންގެވުމާ ގުޅިގެންނެވެ

އެ މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ. ހޯނޑެއްދޫ އަލޯރާ އަހުމަދު މުޖާހިދާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނުގެ އިތުރުން އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރުގެ މައްޗަށެވެ. އޭގެ ތެރެއިން ކުށް ސާބިތުވެ އުމުރަށް ޖަލަށްލީ ޒުބައިރު އެކަންޏެވެ. ބާކީ ތިބި މީހުން ވަނީ މިނިވަންކޮށްފަ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު