ޚަބަރު
ބިދޭސީންގެ މައްސަލަ އެއް އަހަރުތެރޭގައި ހައްލުކުރާނަން: އިހުސާން
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ކެޕްޓަން އަލީ އިހްސާން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ކުރިޔަށް އޮތް އެއް އަހަރުތެރޭ އެ މައްސަލަ ހައްލުކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ ގަވާއިދާ ހިލާފަށް ބިދޭސީން ގެނައުމުގައި މުއައްސަސާތަކުގެ ތެރޭގައި ތިބި މީހުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ އޭގެ ތެރެއިން ބައެއް މީހުން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ކަނޑައެޅިގެން މީގެ ތެރޭގައި އެބަތިބި އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވި ތަހުގީގުވެސް ކުރެވެމުންވެސް އެބަދޭ މަގާމުގައި ލިބިފައިވާ އޮތޯރިޓީ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ދިވެހިރާއްޖެއަށް މި އޮތް ލޫޕްހޯލްގެ ތެރެއިން ގާނޫނާއި ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެކޮށް މަގުމައްޗަށް ދޫކޮށްލާކަން ފާހަގަކުރެވިފަ އެބަ އޮތް،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

މީގެއިތުރުން ކުންފުނިތަކުން މަސައްކަތްތެރިން ރާއްޖެ ގެނައުމަށްފަހު ގަވައިދުން މުސާރަ ނުދީ ނުވަތަ އެނޫންވެސް އެހެން ސަބަބުތަކާ ހުރެ އެމީހުން ފިލައިގެން ދިޔުމުގެ ސަބަބުން މިނިސްޓްރީއަށް އެ މައުލުމާތު ހިއްސާނުކުރާކަން ފާހަގަކުރައްވަމުން އިހުސާން ވިދާޅުވީ އެގޮތަށް ބިދޭސީން ފިލައިގެން ދިޔުމުން "މިސިންގ"އަށް ލި ނަމަވެސް އެމީހާ ރާއްޖެ ދޫކޮށް ދިޔަ ކަމަކަށް ނުބެލެވޭނެ ކަމަށެވެ.

އެގޮތަށް ފިލައިގެން ދާ މީހުން ރާއްޖެ ދޫކޮށް ދިޔުމުންވެސް އެކަން މިނިސްޓްރީއަށް ނޭގުމުގެ ސަބަބުން އެމީހާގެ ވޯކް ޕާމިޓް ކެންސަލް ނުކޮށްވެސް އެބަހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަންމިހެން ހުރުމާއެކު ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މިނިސްޓްރީއަށް ނޭގޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. މިގޮތަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ، ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެންނަން ހުއްދަ ދިން ފަހުން އެ ގައުމުން 5،400 މަސައްކަތްތެރިން ގެންނަން ހުއްދަ ދޫކޮށްފައިވާ ކަމަށެވެ. އެކަމަކު، މިހާތަނަށް އެގޮތަށް އައިސްފައިވަނީ 4،000 މަސައްކަތްތެރިންނެވެ.

ގާނޫނު ބުނާގޮތުން އެއް ގައުމަކުން އެންމެ ގިނަވެގެން އަންސްކިލްޑް ލޭބަރުން ގެނެވޭނީ 100،000 މީހުންނެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ބަންގްލަދޭޝްގެ މަސައްކަތްތެރިންގެ އަދަދު އިތުރުވަމުން އަންނަ ނިސްބަތަށް ބަލާއިރު، ކުރިއަށް އޮތް ހަތަރު ވަރަކަށް މަސް ދުވަހުގެ ތެރޭގައި ބަންގްލަދޭޝް މަސައްކަތްތެރިންގެ އަދަދު 100،000 އަށް އަރާނެ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެފައި އޮތްއިރު، ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ބިދޭސީންގެ ޑޭޓާބޭސް އެކުލަވައިލުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

"ހުރިހާ ރަށެއްގައި ތިބި ހުރިހާ ބިދޭސީންގެ ފިންގަޕްރިންޓު ނެގި އެއް ޓޭޑާބޭސްއަކަށް އެޅި ކައުންސިލްތަކަށް އެ ފިންގަޕްރިންޓު ޑޭޓާބޭސްތަކަށް އެކްސެސް ދެވި، ފިންގަޕްރިންޓު ސްކޭންކުރާ މޯބައިލް ޑިވައިސްތަކާއި އަދި ފިކްސްޑް ޑިވައިސްތައް ކައުންސިލްތަކަށާއި ޕޮލިސް ސްޓޭޝަންތަކަށް ދެވި އެ ތަނަށް އަންނަ ކޮންމެ ބިދޭސީއަކީ އިނގިލި ޖައްސައިލީމާ ކާކުތޯ ޑޭޓާބޭސްއިން އެނގޭ ވަރުކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ފަހު އެ މީހުންނަށް ގާނޫނީ އިމުގެ ތެރެއަށް ވަންނަން ފުރުސަތެއް ދޭނެ ކަމަށެވެ. އެއަށް ފަހުގައި ގާނޫނާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވައިލާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު