ޚަބަރު
ޒިޔާދަށް ސާބިތުނުވި ހުކުމުގެ އިސްތިއުނާފު އަނބުރާ ގެންގޮސްފި
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އަނބުރާ ގެންގޮސްފި އެވެ.

ޑރ. ޒިޔާދު ގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ އިސްލާމިކް މިނިސްޓްރީން ޒިކުރާ މިސްކިތް އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަނާއެކު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް އޭސީސީގެ ތަހުގީގަކުން ނިންމުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯޒްމަންޓް ސެކްޝަންގެ ވެރިއަކަށް އޭރު ހުރި، މ. މުހައްމަދީއާބާދު، އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް ވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އުފުލިއެވެ. ނަމަވެސް ދެ ބޭފުޅުންގެ މައްޗަށް ވެސް ކުށް ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރީ 2022 ވަނަ އަހަރުއެވެ.

އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދަނިކޮށް، ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ރިވިއުކުރުމަށް ފަހު، އިތުރަށް އިސްތިއުނާފު ކުރިއަށް ގެންދަން ބޭނުންނުވާކަން އިއްޔެ ހައިކޯޓަށް އަންގައިފައެވެ. އެހެންވެ، ހައިކޯޓުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ.

ކްރިމިނަލް ކޯޓުން ޒިޔާދުގެ މައްސަލާގައި ކުރި ހުކުމުގައި ވަނީ އެސްޖޭއާ އެކު ހެދި އެއްބަސްވުމުގައި އޭނާ ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެން ކަން ހެކިންގެ ބަހުން އެނގޭއިރު، އެއްބަސްވުމުގައި ކުށެއް އޮއްވައި އެއްބަސްވުމުގައި ސޮއިކުރި ކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ޒިންމާއަކީ މަޝްރޫއު ހިންގުން ކަމަށް އެ ހުކުމުގައިވެ އެވެ.

ހުކުމުގައި ވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން ދައުލަތުން އެސްޖޭ ކުންފުންޏަށް 30 މިލިއަން ރުފިޔާ ދޭން ޖެހުމުން ދައުލަތަށް ގެއްލުންވި ކަމަށް ދައުލަތުން ބުންޏަސް، އެކަން ސާބިތުނުވާ ކަމަށެވެ. އެހެންވެ، ޒިޔާދަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް އެ ހުކުމުގައިވެ އެވެ.

ކިޔުންތެރިންގެ ޝުއޫރު
0%
0%
0%
0%
0 ކޮމެންޓް
މަގުބޫލު
އެންމެފަސް
އެންމެ ފަސް
އެންމެ މަގުބޫލު