ކަނޑުން ގެއްލުނު ބައި ހޯދައި ދޭނެ: މިނިސްޓަރު ތޯރިގު
މަރިޔަމް އަނާ
20 ޖެނުއަރީ 2024 - 13:19
0 comments
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް
ރާއްޖެ އާއި މޮރިޝަސް ހިއްސާކުރާ ކަނޑުގެ ސަރަހައްދުގެ ތެރެއިން ގެއްލިގެން ދިޔަ ކަނޑުގެ ސަރަހައްދު ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް "ގެއްލިފައިވާ" ކަމަށް ބުނާ ކަނޑުގެ ސަރަހައްދުގެ މައްސަލަ ވިލަރެސްކުރަން ބަންޑާރަ ނައިބުގެ އޮފީހުން ހާއްސަ ކޮމިޓީއެއް އެކުލަވާލައިގެން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ކޮމިޓީގެ މަސައްކަތްތައް ހިނގަމުންދަނީ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޛު މުޙައްމަދު އަނިލްގެ އިރުޝާދުގެ ދަށުންނެވެ.ރާއްޖޭގެ މަސްވެރިންނަށް އަމާޒުކޮށް ރެސްކިއު ޑައިވަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ވަނީ ގެއްލިފައި ކަމަށާއި އެ ސަރަހައްދަކީ ދިވެހި މަސްވެރިން އެ ސަރަހައްދަށް ގޮސް މަސްވެރިކަން ކުރާ ސަރަހައްދެއް ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގެއްލުނު ކަނޑުގެ ސަރަހައްދު މަސްވެރިންނަށް ހޯދައިދިނުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވި އެވެ."އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ މަސްވެރިންނަށް ރާއްޖޭގެ ދެކުނުން ގެއްލިފައި އޮތް ކަނޑުގެ ސަރަހައްދު ވެސް ރައީސް ހޯއްދަވައިދެއްވާނެ ކަން އެއީ އަޅުގަނޑަށް ޝައްކެއް ނެތް ކަމެއް،" ތޯރިގު ވިދާޅުވި އެވެ.ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން (އީއީޒެޑް)ގެ ތެރެއިން ދެކުނު ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ކޮށްފައިވާ ޙުކުމް އިސްތިޢުނާފުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ހަފްތާ-14 މަގުޗާޓުގައި މިނިވަންކަމާއި ސިޔާދަތުގެ ދާއިރާއިން ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ މުހިންމު މަސައްކަތެކެވެ. އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށްޓަކައި ކަނޑައަޅާފައިވާ ޚާއްސަ ކޮމިޓީގެ މަސައްކަތުގެ ދަށުން އެ މައްސަލައާ ގުޅުންހުރި ލިޔެކިޔުންތައް ރިވިއު ކުރަމުންދާކަން ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކިޔުންތެރިންގެ ޝުއޫރު